ހަބަރު

48 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފި

ރާއްޖޭގެ 48 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަން ފަށައިފި އެވެ.

ހަކަތައިގެ ދާއިރާޢިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގައި ވަނީ މި ނިޒާމު ގާއިމްކޮށް ބޭނުން ކުރަން ފަށާފައި ކަމަށްއެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް މި ނިޒާމު ގާއިމްވެފައިވާ ރަށްރަށުގައި ރަށްރަށުގައި ވަނީ ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމްވެފައިވާ ކަމަށެވެ. މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުންވެސް ހިމެނޭނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާއިރު މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު 21.5 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 2023 ވަނަ އަހަރުގެ ނިޔަލަށް 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.