ދުނިޔެ

މެދު އިރުމައްޗަށް އޮތް ބިރަކީ ހުޅަނގުގެ ގައުމުތައް: އިރާން

Dec 19, 2019

މެދު އިރުމަތީގެ ގައުމުތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ބިރުވެރިކަމަކީ ހުޅަނގުގެ ގައުމުތަކުން އެ ސަރަހައްދުގައި އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތް ކަަމަށް އިރާނުގެ ސަލާމަތާ ބެހޭ މަޖިލީހުގެ އަމީންއާންމު ރިޓަޔާޑް ޖެނެރަލް އަލީ ޝަމްޚާނީ ވިދާޅުވެއްޖެ އެވެ.

ޝަމްޚާނީ މިހެން ވިދާޅުވީ، އިރާންގެ ވެރިރަށް ތެހެރާންގައި ކުރިއަށްދިޔަ މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ގައުމީ ސަލާމަތާ ބެހޭ އިސްވެރިންގެ ފަންނީ ބައްދަލުވުމުގަ އެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމްޚާނީ ވިދާޅުވީ، މެދުތެރޭ އޭޝިއާގެ ސަރަހައްދަށާއި ގަލްފުގެ ސަރަހައްދަށް ދެބާވަތެއްގެ ނުރައްކާތެރިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކަލުގެ އިތުރުން އެސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ހުޅަނގުގެ ބާރުތަކުގެ ނުރައްކާ ކަމަށެވެ.

މިކަމަށް ބާރުދީ އިތުރަށް ވާހަކަ ދައްކަވަމުން ޝަމްޚާނީ ވިދާޅުވީ، އަފްޣާނިސްތާނުގެ މައްސަލަ ގޯސްވެގެންދިޔައީ ވެސް ހުޅަނގުގެ ބާރުތައް އަސްކަރީ ގޮތުން އެގައުމަށް ވަދެގަތުމުގެ ސަބަބުންކަމަށެވެ. އަދި ގަލްފުގެ ސަރަހައްދުގެ ގައުމުތަކުގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް އެސަރަހައްދުގެ ތެލާއި ގުދްރަތީ ވަސީލަތްތަކަށް ދަހިވެތިވެފައިވާ ހުޅަނގުގެ ބާރުތައް ކަމަށެވެ.

އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޝަމްޚާނީގެ ވާހަކައިގައި ނުސީދާ ގޮތަކަށް އިޝާރާތް ކުރެއްވީ، އެމެރިކާ، ފްރާންސް، އަދި އިނގިރޭސިވިލާތަށެވެ. އަދި މިއިން އެއްވެސް ގައުމަކުން ޝަމްޚާނީގެ ވާހަކަތަކާ ގުޅިގެން ރައްދު ދީފައެއް ނުވެ އެވެ. ތެހެރާންގައި މި ބައްދަލުވުން މިބާއްވަނީ އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާ ސިފައިންގެ ބޮޑުބައެއް އެގައުމުން ބާލަން އެމެރިކާ މަސައްކަތްކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. މި ހަފްތާ ތެރޭގައި އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 4000 ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމާފަ އެެވެ.

މީގެ އިތުރުން މިއީ ތުރުކީގެ އޭޝިއާ ފަޅީގައިވާ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އެންޗެރްލިކް ވައިގެ ބޭސް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމުގެ ކަމުގެ އިންޒާރު ތުރުކީން ދެމުން ގެންދާ ދަނޑިވަޅެކެވެ. އެންޗެރްލިކް ވައިގެ ބަނދަރަކީ ގަލްފާއި މެދުތެރޭ އޭޝިޔާގެ ސަރަހައްދުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ހަބެއްގެ ގޮތުގައި އެމެރިކާ ބޭނުންކުރާ އަސްކަރީ ބޭސްއެކެވެ. އެތަނުގައި އެމެރިކާ އިން 50 އަށް ވުރެ ގިނަ ނިއުކުލިއާ މިސައިލް ރައްކާކޮށްފައިވެ އެވެ.

ތުރުކީގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ އިގްތިސޯދު ދެވަނައަށް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއާއެކު ކުރިން އެމެރިކާގައި އެހީގައި އިގްތިސޯދު ވަރުގަދަކުރި ޔޫރަޕްގެ ގައުމުތަކުން ދަނީ އެމެރިކާގެ ނުރުހުމުގައި ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ބައިވެރިވެ ޗައިނާއާ އިގްތިސާދީ ގޮތުން ގުޅުންތައް ބަދަހި ކުރަމުންނެވެ