ހަބަރު

މޯބައިލް ލެބޯރެޓަރީގެ ހިދުމަތަށް ތަރުހީބު ބޮޑު: އަމީން

މިއަހަރުގެ އޮކްޓޫބަރު މަހު ތައާރަފްކުރި މޯބައިލް ލެބޯޓަރީގެ ހިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މޯބައިލް ލެެބޯޓަރީގެ ހިދުމަތުގެ އަޖުމަތް ބެލުމުގެ ގޮތުން އެ ހިދުމަތް ޓެސްޓު ކޮށްފައިވަނީ ލ އަތޮޅުގަ އެވެ. މި ހިދުމަތުގެ ދަށުން ލެބޯޓަރީ ނުހުންނަ ރަށްރަށުން ސާމްޕަލް ނަގައިގެން އެ ރަށަކާ އެންމެ ކައިރީގައި ހުންނަ ލެބޯޓަރީއަކަށް ފޮނުވަ އެވެ. ލެބޯޓަރީ ހުންނަ ރަށުން ޓެސްޓު ހެދުމަށްފަހު ނަތީޖާ ފޮނުވަނީ އީމެއިލް މެދުވެރިކޮށެވެ.

ލ. ހިތަދޫ ސިއްހީ މަރުކަޒަށް ބައިގަރުނު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ތަޖުރިބާ ކުރުމުގެ ގޮތުން ތައާރަފްކުރި މޯބައިލް ލެބޯޓަރީގެ ހިދުމަތް އުންމީދު ކުރި ވަރަށްވުރެ ރަނގަޅު ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް އަންނަ ހެޔޮ ބަދަލާ މެދު ވިސްނައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މޯބައިލް ލެބޯޓަރީގެ ހިދުމަތް 2020 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށިގެންދާނެ ކަމަށެވެ. އިތުރަށް އަމީން ވިދާޅުވީ އެކިއެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލީ މިނިސްޓަރު ނުދެއްވައެވެ.