ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަންހެނުންނަށް ކޯޓާ ކަނޑައެޅުން ބޭއިންސާފެއް ނޫން: އަކްރަމް

ސިޔާސީ މަސައްކަތަށް އަންހެނުން ނިކުންނަން ހުރި ހުރަސްތައް ނައްތާލުމަށް، އިންތިހާބުތަކުގައި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަ ކުރުމަކީ މުހިންމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އެކޮމިޝަންގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 އިންސައްްތަ ގޮނޑި ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި ގުޅިގެންނެވެ. އެ އިސްލާހާއި ގުޅިގެން ތަފާތު ހިޔާލްތައް އުފެދިފައިވާއިރު ބައެއް ބޭފުޅުން ގެންދަވަނީ މަޖިލީހުގެ އެ ނިންމުމަށް ފާޑު ވިދާޅުވަމުންނެވެ.

މަޖިލީހުގެ އެ ނިންމުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އެކޮމިޝަންގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ބޭއިންސާފެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގައިވެސް އަންހެނުންގެ ހިއްސާ ބޮޑު ކަމަށާ އަދި ރަށްވެހި ތަރައްގީއާއި އެހެނިހެން ކަންކަމުގައި އަންހެނުންގެ ދައުރަކީ މުހިންމު އަދި އެހާމެ ބޮޑު ދައުރަކަށްވާއިރު، ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ޒަމާނުއްސުރެ ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމުގައި އަންހެނުންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު އެ ހުރަސްތައް ނައްތާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ހަގީގަތަކީ މީގެ އެތައް އަހަރުތަކެއް ކުރިން ފެށިގެންވެސް ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރަސްތަކެއް އޮންނަކަން. އެހެންވީމަ އެ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ. އެ މަސައްކަތް ކާމިޔާބުކުރުމަށް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެން." އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 އިންސައްްތަ ގޮނޑި ހާއްސަ ކުރުމަށް މަޖިލީހުން ނިންމުމުގެ ކުރިންވެސް އެފަދަ ނިންމުމެއްގެ މުހިންމު ކަމާ ގުޅޭގޮތުން އަކްރަމް ވަނީ ވާހަކަދައްކަވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުން 372 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 12
  • ސިޓީ ކައުންސިލަރުންގެ އަދަދު 24 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 3
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 39

ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.