ދުނިޔެ

އިންޑިއާ، މަހާތީރަށް: ދާހިލީ ކަންކަމާ ނުބެހޭ

Dec 22, 2019
10

އިންޑިއާގެ 65 އަހަރުވެފައިވާ ސިޓިޒެންޝިޕް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މުސްލިމުންނަށް އަމާޒުކޮށްގެން ހަމަލާދޭތީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުހައްމަދު އިންޑިއާއަށް ފާޑު ވިދާޅުވުމުން އިންޑިއާ ސަރުކާރުން މަހާތީރަށް އެކަމުގެ ރައްދު ދީފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަވައްޓެރި ގައުމުތަކުގެ ވެރިން އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި މުސްލިމުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށެވެ. އަދި އެއީ އިންޑިއާގެ އަގު ވައްޓާލުމުގެ ގޮތުން ދައްކާ ވާހަކަތައް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެލޭޝިއާގެ ބޮޑު ވަޒީރު މަހާތީރު އިންޑިއާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކެވީ އެގައުމުގެ އަގު ވައްޓާލަން ކަމަށެވެ. ސިޓިޒެންޝިޕް ބިލަށް ގެނައި އިސްލާހުގެ ސަބަބުން ގިނަ ގައުމުތަކެއްގެ ފާޑު ކިޔުން އިންޑިއާއަށް އަމާޒުވެފައިވާއިރު މިއީ ގައުމެއްގެ ވެރިއަކަށް އަމާޒު ކޮށްގެން ނެރުނު ފުރަތަމަ ހާރިޖީ ބަޔާނެވެ. އަދި ވަކި ގައުމެއްގެ ނަން ވެސް ހިމެނި ފުރަތަމަ ފަހަރެވެ. ބަޔާނުގައި ވާގޮތުން މެލޭޝިއާކީ އިންޑިއާގެ ދާހިލީ އެއްވެސް ކަމަަށް ބެހުމުގެ ބާރު ލިބިގެންވާ ގައުމެއް ނޫން ކަމަށްވުމުން، މެލޭޝިއާ ސަރުކާރުން އިންޑިއާއާ ބެހޭގޮތުން ވާހަކަ ދެއްކުން ބަލައި ނުގަނެވޭނެ ކަމަް ވަނީ ބުނެފަ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި އިއްޔެ ފެށި ސަމިޓެއްގެ ހަވާސާގައި މަހާތީރު ވަނީ އިންޑިއާ އިން އެ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމާމެދު ސުވާލު އުފައްދަވައިފަ އެވެ.

"އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ ފުރާނަ އެދަނީ ގެއްލެމުން. މިވީ 70 އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއްނެތި ރައްޔިތުން އެކުގައި ރީއްޗަށް އުޅެމުން އަންނަނިކޮށް، އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބާ؟" މަހާތީރު ސުވާލު ކުރެއްވި އެވެ.

އެ އިސްލާހުގެ ސަބަބުން، އަވަށްޓެރި ޕާކިސްތާނު، ބަންގްލަދޭޝް އަދި އަފްގާނީސްތާނުން ހިޖުރާކުރާ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ފަސޭހައިން ލިބުނު ނަމަވެސް، އޭގައި މުސްލިމުން ނުހިމެނެ އެވެ.

އެކަމުގެ ސަބަބުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅަކީ އިންޑިއާއަކީ ހިންދޫ ގައުމެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންގެ ހައްގުތައް ހަނިކުރުން ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.

"ހިތާމަޔާއެކު ދަންނަވަން ޖެހެނީ، ހުރިހާ ދީންތަކަށް ޖާގަދޭކަމަށް ބުނާ އިންޑިއާ އިން، މުސްލިމު ރައްޔިތުންގެ ރަށްވެހިކަން ނިގުޅައިގަންނަން އުޅޭކަން،" މަހާތީރު އިތުރަށް ވިދާޅުވި އެވެ.

މި އިސްލާހާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް ވަނީ 15 މުސްލިމަކު މަރުވެފަ އެވެ. މީގެ ތެރެއިން ފަސް މީހަކު މަރުވެފައިވަނީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުންނެވެ. މި ފުލުހުން މިހާރު ވެސް ގެންދަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. ބާކީ ތިބި 10 މީހުން މަރުވެފައިވަނީ ފުލުހުން ދިން އަނިޔާގެ ސަބަބުން ފަރުވާ ހޯދަމުން ދަނިކޮށެވެ. މިހާރު ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަމުންދަނީ ކާކުކަން ނޭގޭ ގޮތަށް މޫނު ނިވާކޮށްގެން އަދި ޔުނިފޯމުގައި ހުންނަ ނޭމް ޓެގް ނައްޓާލައިގެންނެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މި މުޒާހަރާތައް ކޮންޓްރޯލް ނުވުމުގެ ސަބަބުން މިހާރު ވަނީ ލޭ އޮހޮރުވުން އާންމުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވެ އަދި ޒަހްވެފައިވަނީ ވަނީވެސް އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގަ އެވެ. އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ އޯ ޕީ ސިންހު ވިދާޅުވީ 32 މީހަކު މުޒާހަރާތެރެއިން ޒަހަމްވެފައިވާ ކަމަށެވެ.

މުޒާހަރާގެ ކޮންޓްރޯލް ގެއްލިފައިވާތީ މިހާރު ގިނަ ހިސާބުތަކުގައި މުޒާހަރާކުރުން މަނާކޮށް އިންޓަނެޓުގެ ހިދުމަތް ވަނީ ކަޑާލައިފަ އެވެ. ނަމަވެސް މި ހިސާބުތަކުގައި އަދިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ވެރިރަށް ނިއު ދިއްލީގެ ބޮޑު ބަޔަކުން ވެސް މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް މެދުކަޑާލައިފަ އެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ހާލަތު ހަމަޔަކަށް އެޅުވުމުގެ ބަދަލުގައި، ބީޖޭޕީ ސަރުކާރުން ބޭނުންވަނީ އަސާސީ ހައްގުތައް އިތުރަށް ހަނިކުރާށެވެ. އެގޮތުން 1900 ގެ އަހަރުތަކުގެ ކުރީކޮޅު ހަދާފައި އޮތް، އެއް ތަނަކަށް ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކުރާ ގާނޫނުގެ ދަށުން މުޒާހަރާތައް ހުއްޓުވުމާއި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުން ހިމެނެ އެވެ.

ނަމަވެސް ބިލަށް ގެނައި އިސްލާހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ގެންދަވަނީ ދިފާއު ކުރަމުންނެވެ. މޯދީ ވިދާޅުވީ ބިލަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެސް ދީނެއްގެ މީހަކާމެދު ނާއިންސާފުން ކަންތައް ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާނުކޮށް ރައްޔިތުން މައިތިރިވެގެން ތިބުމަށް ވެސް ވަނީ ގޮވާލާފަ އެވެ. ބިލަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ އައްސާމުގައި ދިރުއުޅޭ މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަން ނުލިބޭނެ އެވެ. މިކަން އިންޑިއާ ސަރުކާރު ހިންގާ ބީޖޭޕީއަށް އެހާބޮޑު ކަމަކަށް ނުވެ އެވެ. އަދި އައްސާމުގައި ދިރިއުޅޭ މުސްލިމުން އެގައުމުގެ ރައްޔިތުންގެ ލިސްޓުގައި ވެސް ހިމާނަފައިނުވެ އެވެ. އައްސާމުގައި ދިރިއުޅޭ ގިނަ މުސްލިމުންނަކީ ހަނގުރާމަ ދުވަސްވަރު އަވައްޓެރި ގައުމުތަކުން ހިޖްރު ކޮށްފައިވާ މުސްލިމުންނެވެ.