އެފްއޭއެމް

ޔޫރަޕްގައި ކަންކުރާގޮތް ރާއްޖެއަށް ރަނގަޅު ނުވެދާނެ

ޔޫރަޕްގައި ކަން ކުރާ ގޮތޭ ބުނެ، އެ ފިލޯސަފީ ރާއްޖެއަށް ގެނެސް އެގޮތަށް ކަންތައް ކުރަން އުޅެފިނަމަ އެއީ ރާއްޖެއަށް އެންމެ އެކަށޭނެ ގޮތަށް ނުވެދާނެ ކަމަށް އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިރެކްޓާ އިންގްލެންޑްގެ ޖުދާން އަލީ ބުނެފި އެވެ.

ޓެކްނިކަލް ޑައިރެކްޓަރު މަގާމާ ރަސްމީކޮށް ހަވާލުވުމަށް ފަހު، މީޑިއާ އާ ވާހަކަ ދައްކަމުން ކުރިން ބާސެލޯނާގެ އެކެޑެމީ ލަމާސިއާގައި މަސައްކަތް ކުރި ޖުދާން ބުނީ، ރާއްޖޭގައި މަސައްކަތް ކުރާނީ ރާއްޖޭގެ ހާލަތު ބަލައި ރާއްޖެއާ އެންމެ ގުޅޭނެ ގޮތަކީ ކޮބައިކަން ބެލުމަށް ފަހުގައި ކަމަށެވެ.

ކުރިން ހޮންކޮންގް އަދި ޗައިނީޒް ޓައިޕޭ (ޓައިވާން) އަދި އިންޑޮނޭޝިއާގައި މަސައްކަތް ކުރި ޖުދާން ބުނީ، ފެބްރުއަރީ މަސްތެރޭ ޓެކްނިކަލް ޕްލޭން އާންމު ކުރާނެ ކަމަށެވެ.

"މިސާލަކަށް އަހަރެން ބާސެލޯނާގައި މަސައްކަތް ކުރި ގޮތް، ލޯ މަރާލާފައި އަހަރެން މިތާނގައި [ރާއްޖޭގައި] އެގޮތަށް ކުރަން އުޅެފިއްޔާ އެކަމެއް ނުވާނެ،" ޖުދާން ވާހަކަ ދެއްކި އެވެ. "އެހެންވީމަ އެންމެ ފުރަތަމަ ކަމަކީ އަހަރެމެންގެ ލޯކަލް ކޯޗުންގެ ވިސްނުން އެހާހިސާބަށް ތަރައްގީ ކުރުން."

ދިވެހި ކުޅުންތެރިންނަކީ އުފެދުމުގައި ފިޒިކަލީ ވަރުގަދަ ކުޅުންތެރިންނެއް ނޫނެވެ. އަދި ކުޅުންތެރިންގެ މެންޓަލިޓީއަށް ބާލާއިރުވެސް އެ ފެންވަރަށް ވިސްނުން ތަރައްގީވެފައިވާ ކުޅުންތެރިންތަކެއް ނެތެވެ. ޖުދާން ބުނީ ރާއްޖޭގެ މިހާލަތު އެނގޭ ކަމަށެވެ. އަދި ރާއްޖޭގައިވެސް ފިޒިކަލީ އަދި މެންޓަލީ ވެސް ވަރުގަދަ ކުޅުންތެރިންތަކެއް އުފެއްދި ދާނެ ކަމަށެވެ. އެ ކަމަށް މަސައްކަތް ކުރުމުގެ މަރުހަލާ ފަށަން ޖެހޭ ހިސާބަކީ ކުއްޖާގެ އުމުރުން ތިން އަހަރުން ފެށިގެން ކަން އޭނާ ފާހަގަ ކުރި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް މެންޓަލީ، ސައިކޮލޮޖިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަސައްކަތް ފަށަން ޖެހޭ ހިސާބަކީ ކުއްޖާގެ ޅަ އުމުރުން ފެށިގެން، އެއީ ކުއްޖާގެ ސިކުނޑި އާއި ހަށިގަނޑު ބޮޑުވާން ފަށަނީ ޅަ އުމުރުން ފެށިގެން" ޖުދާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ޑިވްލަޕްމެންޓްގެ ގޯލްޑަން އުމުރުފުރާއަކީ ފަސް އަހަރުން ފެށިގެން 12 އަހަރާ ދެމެދު."

އޭނާ ބުނީ އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ ލޯކަލް ކޯޗުން ތަރައްގީ ކުރުން ކަމަށާއި އަދި ކޯޗުންނާއި ކުޅުންތެރިންނާއި އެފްއޭއެމުން އެއްމިސްރާބަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޖުދާން ބުންޏެވެ.

"ޗައިލްޑް ނިއުޓްރިޝަން އަކީ އެންމެ މުހިންމު ކަންތައް، އަދިހަމަ ސައިކޮލޮޖިކަލް ކޮންފިޑެންސްވެސްމެ، ފުރިހަމަ ސިއްހަތެއްގައި ނެތި ސައިކޮލަޖިކަލީ ވަރުގަދަ ނުވެވޭނެ.. އަހަރެން އުންމީދު ކުރަން ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދަން،" ޖުދާން ބުންޏެވެ. "އަހަރެން ބޭނުން ރާއްޖޭގެ ކުޑަކުދިންނަކީ ޖަންކު ފުޑާއި ފިޒީ ޑްރިންކުން ދުރުގައި ތިބި ބަޔަކަށް ވާން.. އެކަން ކޮށްފިނަ ފުޓްބޯޅައިގެ ޓެލެންޓް އުފެއްދުމަކީ އުނދަގޫ ކަމަކަށް ނުވާނެ."

"އަހަރެންގެ ފުރަތަމަ ތިން މަސް ވާނީ ރާއްޖޭގެ މާހައުލު ދަސްކޮށްގެން، ރާއްޖެއަށް އެންމެ އެކަށޭނެ ގޮތަކީ ކޮބައިތޯ ބެލުން، އެކަމަށް ދިރާސާކޮށް އެނަލައިސް ކުރާނަން."

ޖުދާން ވަނީ، ލަންޑަންގައި އަންހެން ކުދިންނަށް ހާއްސަ ފުޓްބޯޅަ އެކެޑެމީ ހުޅުވާފަ އެވެ. ހޮންކޮންގް އަދި އިންޑޮނޭޝިއާގައިވެސް އޭނާގެ އެކެޑެމީތައް ގާއިމު ކޮށްފައި ކަމަށް އޭނާ ބުންޏެވެ.