މަސްތުވާތަކެތި

މަސްތުވުމުގެ ހިދުމަތް ދޭ އިތުރު ދެ ގެއެއް ބަލައި 21 މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ދެ ގެއެއް ބަލައި ފާސްކޮށް 21 މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކެފޭ އުސޫލުން ހިންގަމުން ދިޔަ ދެ ގެއެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މ. އެވެރެސްޓްއާގެ ބަލާ ފާސް ކުރުމަށް ފަހު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި އަށް ފިރިހެނުން އަދި ބަންގްލަދޭޝަންގެ ފިރިހެނެއް ކަމަށެވެ. އަދި ޏަމްޏަމްގެ ރެއިޑު ކުރުމަށް ފަހު އެ ގެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހި އަންހެނަކާއި ނުވަ ފިރިނެނުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރަން ތިއްބާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ވެސް މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ލިބޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކެއް ބަލައި ފާސްކޮށް 37 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދުވަހުގެ ރެއިޑްގައި ބަލައިފާސްކޮށްފައި ވަނީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާގެ އިތުރުން ލޮނުމިދިލިގެ އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ލިބޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެކެވެ.