ހަބަރު

ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ 150 މީހުން ހަމަވާ ނަމަ

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ލާން ފޮށި ބަހައްޓާނީ ދިވެހިން އުޅޭ ގައުމުތަކުގެ ތެރެއިން ވޯޓުލާން މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި ކޮންސިއުލޭޓެއް ނޫނީ އެމްބަސީއެއް ހުންނަ ގައުމުތަކުގައި ކަމަށެވެ. އެ ގައުމުތަކު ތެރެއިން ވެސް ވޯޓު ފޮށި ބަހައްޓާނީ އިންތިހާބުގައި ވޯޓުލުމަށް 150 ދިވެހިން ރަޖިސްޓާ ކުރާ ގައުމުތަކުގައި އެކަނި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ ވޯޓުލާން މަދުވެގެން 25 މީހުން ރަޖިސްޓާ ކުރާ ޖަލުތަކުގައި ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ މަދުގެން 50 މީހުން ރަޖިސްޓާ ކުރާ ރިސޯޓުތަކުގައި ކަމަށެވެ.

"މި ފަހަރު އަޅުގަނޑުމެން ހުޅުވާލާނަން ހުރިހާ ރިސޯޓެއްގައި ވޯޓު ލާން. މީގެ ކުރީގައި އަޅުގަނޑުމެން އެދެނީ ރިސޯޓުތަކުން ހުއްދައެއް. މި ފަހަރު އިލެކްޝަންސް ކޮމިޝަނުން ހުރިހާ ރިސޯޓަކަށް ފުރުސަތު ހުޅުވާލާފައި އޭގެ ތެރެއިން 50 މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްްޓުމަށްޓަކައި އެ ރިސޯޓެއްގެ މެނޭޖްމަންޓާ މަޝްވަރާ ކުރާނީ،" އަކުރަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެއް މިލިއަނަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރަން ވަނީ ނިންމާފަ އެވެ. މި ގާނޫނުގައި ބުނާ ގޮތުން ރަށު ކައުންސިލަށް ހޮވާ އަންހެނުން މެންބަރުން، ރަށު ކައުންސިލްގެ މެންބަރުން، ރަށު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުން، ސިޓީ ކައުންސިލްގެ މެންބަރުން، ސިޓީގެ މޭޔަރު، އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ވޯޓު ލާން ޖެހެނީ ވަކި ކަރުދާސްކޮޅުތަކެއްގަ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 384 އަންހެނުން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.