މޯލްޑިވްސް ޕޮލިސް ސާވިސް

"ދިވެހިން އަނބުރާ ގެންނަން ފުލުހުން ސީރިޔާއަކަށް ނުދޭ"

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ފުލުހުންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ ހަބަރުތައް ފުލުހުން ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ސީރިއާއަށް ގޮސް އުޅޭ ދިވެހިންގެ ރާއްޖެ އަންނަން ބޭނުންވޭތޯ ބަލަން ދިވެހި ފުލުހުން ހިމެނޭ ގޮތަށް ސަލާމަތީ ބާރުތަކުގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެކަން ދޮގުކޮށް ފުލުހުން މިއަދު ބުނީ ފުލުހުންގެ ޓީމެއް އެއްވެސް އިރެއްގައި ސީރިއާގައި ހަރަކާތްތެރިވެފައި ނުވާ ކަމަށާއި މިހާރު ވެސް ސީރިއާގައި ހަރަކާތްތެރިވަމުންނުދާ ކަމަށެވެ. ނަމަވެސް އެ ގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހިން ރާއްޖެ ގެންނަން ސަރުކާރުން ނިންމާފައިވާތީ ކަމާ ބެހޭ ވުޒާރަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ދާދި ފަހުން ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގެ ހަނގުރާމައަށް ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާން 423 ދިވެއްސަކު މަސައްކަތްކުރިއިރު އޭގެ ތެރެއިން ސީރިއާއަށް އެތެރުވުނު ކަމަށް އެނގެން އޮތީ 173 ދިވެހިންނެވެ. މިހާރު ސީރިއާގައި ތިބީ 59 ދިވެހިންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ނަމަވެސް ރާއްޖެ ގެނެވޭ ހާލަތުގައި މިހާރު ތިބީ ހަމައެކަނި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސީރިއާގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ރައީސް ވިދާޅުވެފައި ވަނީ ސީރިޔާގެ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނާއި ސަރުކާރާ މިހާރު ވާހަކަ ދެކެވޭ ކަމަށެވެ.

އެފަދަ ގައުމުތަކަށް ހަނގުރާމަ ކުރަން ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެސް އަދި ފިކުރު ހަރުކަށިވެފައި ތިބި މީހުނަށް ރިހެބިލިޓޭޝަން ދޭން ލާޒިމުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.