ހަބަރު

މަސްވެރިންގެ ޕާކުގައި ހެދި ޓޫރިސްޓް ޓާމިނަލް ހަވާލުކޮށްފި

މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ހާއްސަކޮށް ހަދާފައިވާ ޓާމިނަލް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މަސްވެރިންގެ ޕާކުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލް ހަވާލުކޮށްދީފައި ވަނީ އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމް އެވެ. އެ މަސައްކަތް އެ ކުންފުނިންކޮށްފައި ވަނީ ސީއެސްއާރް ޕްރޮޖެކްޓްގެ ގޮތުގަ އެވެ.

އެމްޑަބްލިއުއެސްސީން އަށް ފާހަނަ ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް އެތަން ހަދާފައިވާ އިރު އެއީ ފަތުރުވެރިންނަށް ފެންވަރާ ފާހަނަކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އޭގެ އިތުރުން ޓާމިނަލްގައި ޓުރިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ ފާހަނަތައް ހަދާ ނިންމާފައި ވަނީ ތިން މަސް ތެރޭގައި ކަމަށާއި އެއީ ރާއްޖެއަށް ކުރޫޒްލައިނާތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހައަކަށްޓަކައި ކަމަށެވެ. އަދި އެފަދަ ސީއެސްއާރް މަސައްކަތްތައް ކުރިޔަށް އޮތްތަނުގައި ވެސް ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މަސްވެރިންގެ ޕާކު ފަތުރުވެރިންނަށް ހާއްސަ ތަނަކަށް ހަދައިފަ އެވެ. އެގޮތުން ހާއްސަ ފާހާނާތަކާއި ގެސްޓް ރިލޭޝަން އޮފީހެއްގެ އިތުރުން ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ވަނީ ހަދައިފަ އެވެ.