ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިޓީތަކުގެ ދާއިރާތައް ބެހިފައިވާގޮތަށް ޝަކުވާ ހުށައެޅުމުގެ ފަހު ފުރުސަތު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ބެހިފައިވާ ގޮތަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު ހަވީރު 15:00 ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އެ ކޮމިޝަންގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ބެހިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު 15:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ނެވެ. އަދި ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށާއި ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ވަނީ އިތުރުވެފަ އެވެ. އަދި ކުރިއެކޭ އެއް ގޮތަށް ސިޓީ ކައުންސިލްތަކަށް ކޮންމެ ދާއިރާއަކުން އިންތިހާބު ކުރާނީ ކައުންސިލަރެކެވެ. ނަމަވެސް މޭޔަރު އިންތިހާބު ކުރަނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.

ގާނޫނުގައި މިހާރު ބުނާ ގޮތުން މާލެ ސިޓީ ކައުންސިލްގައި 18 ދާއިރާ ހިމެނޭނެ އެވެ. އީސީގެ ރިޕޯޓްގައި ކަނޑައަޅާފައި ވަނީ ވިލިމާލެ އާއި ހުޅުމާލެ އެއީ ވަކި ދެ ދާއިރާ ގޮތުގަ އެވެ. އަނެއް 16 ދާއިރާ ކަނޑައަޅާފައި ވަނީ މާލެ ހަ އަވަށަކަށް ބަހާލައި ކޮންމެ އަވަށަކުން ތިން ދާއިރާ ހިމެނޭ ގޮތަށެވެ.

އާ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހޭތީ، މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ ގޮތުން މާލޭން ކަނޑައަޅާފައި ވަނީ ދާއިރާތައް ކަނޑައެޅުމަށް މާލެ ބަހާލި ހަ އަވަށުގެ ތެރެއިން ކޮންމެ އަވަށެއްގެ އެއް ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށެވެ.

އައްޑޫ ސިޓީގެ ކައުންސިލްގައި 12 ދާއިރާއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ހިތަދޫން ފަސް ދާއިރާއާއި، ހުޅުމީދޫން ތިން ދާއިރާއާއި، ފޭދޫން ދެ ދާއިރާގެ އިތުރުން މަރަދޫން ދާއިރާއަކާއި މަރަދޫ ފޭދޫން ދާއިރާ އެކެވެ. އެ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ކުރަނީ ހިތަދޫން ގޮނޑިއަކާއި ފޭދޫން ގޮނޑިއަކާއި ހުޅުމީދޫން ގޮނޑިއެއްގެ އިތުރުން މަރަދޫފޭދޫގެ ގޮނޑިއާއި މަރަދޫގެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

ފުވައްމުލައް ސިޓީއަށް ކަނޑައަޅާފައި ވަނީ ހަ އިންތިހާބީ ދާއިރާ އެވެ. އީސީން އެ ދާއިރާތައް ކަނޑައަޅާފައި ވަނީ އެ ސިޓީ ދެ އަވަށަކަށް ބަހާލުމަށް ފަހު، ކޮންމެ އަވަށަކުން ތިން އިންހާބީ ދާއިރާ އެކެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ ކުރާނީ ދެ އަވަށުގެ ތެރެއިން ކޮންމެ އަވަށަކުން އެއް ދާއިރާގެ ގޮނޑި އެވެ.

ގާނޫނުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައަޅަނީ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތަކުގެ މެދުގައި ގުރު ނަގައިގެންނެވެ. ހުރިހާ ދާއިރާގެ މެދުގައި ގުރު ނެގުމުގެ ބަދަލުގައި ސިޓީގެ ކޮންމެ އަވަށަކުން ނޫނީ ރަށަކުން ވަކިން ގުރު ނަގަން ނިންމީ ހުރިހާ އަވަށަކުން ހަމަހަމަކޮށް ގޮނޑި ބަހައްޓަން ކަމަށް އީސީން ބުނެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ 39 ކައުންސިލަރުންނެވެ.