ދުނިޔެ

ޚާޝުގްޖީ މަރުގެ މައްސަލައިގައި ފަސް މީހަކު މަރަން ހުކުމް ކޮށްފި

Dec 23, 2019

ސައުދީއަރަބިއްޔާގެ ރަސްކަމުގެ ނިޒާމަށާއި ޝާހީ އާއިލާއަށް ފާޑު ކިޔައި ލިޔަމުންދިޔަ ވޮޝިޓަންޕޯސްޓުގެ ނޫސްވެރިޔާ މަރާލި މައްސަލައިގައި ފަސް މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

ހާޝުގުޖީ މަރާލާފައިވަނީ އޭނާ ރަށްޓެހިވެގެން އުޅުނު ތުރުކީ މީހަކާ އިންނަންވެގެން ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓެއް ދިޔުމުން ކޮންސިއުލޭޓުގެ އެތެރޭގަ އެވެ. އޭރު ހާޝުގުޖީ މަރާލުމުގައި ބައިވެރިވި ޓީމު ވަނީ ކޮންސިއުލޭޓް އޮފީސްތެރޭގަ އެވެ. ހާޝުގުޖީ މަރާލުމަށްފަހު އެޓީމުގެ މީހުން ވަނީ ތުރުކީ ދޫކޮށް ޕްރައިވެޓް ޖެޓެއްގައި ސައުދީއަށް ހަމަ އެދުވަހު ގޮސްފަ އެވެ.

ސައުދީގެ ޕަބްލިކް ޕްރެސެކިއުޓާ ވިދާޅުވީ، ހާޝުގުޖީގެ މަރާ ގުޅިގެން ފަސް މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށެވެ. އަދި އިތުރު ތިން މީހަކަށް 24 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ހާޝުގްޖީ މަރާލުމުގައި އަމަލީގޮތުން ބައިވެރިވެފައިވަނީ ވެސް ފަސް މީހުންނެވެ.

މިމަރާ ގުޅިގެން ސައުދީގެ ރޯޔަލް އެޑްވައިޒާ ސައުދް އަލް ހަތާނީއަށް ވެސް ތުހުމަތު ކުރެވުމުގެ ސަބަބުން ވަނީ އެކަން ތަހުގީގު ކޮށްފަ އެވެ. ނަމަވެސް ތަހުގީގުން އޭނާއާ މަރާ ގުޅުން ނެތްކަން ވަނީ ސާބިތުވެފަ އެވެ. ހާޝުގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.

މިމަރުގެ މައްސަލައިގައި ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއަށް ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ތަހުގީގެއް ނުހިންގަ އެވެ. ހާޝުގްޖީގެ މަރުގެ މައްސަލައާ ގުޅުން ނެތް ކަމަށް މުހައްމަދު ވިދާޅުވި ނަމަވެސް އދ އާއި އެމެރިކާ ހިމެނޭގޮތަށް ގިނަ ގައުމުތަކުން ބުނެފައިވަނީ ހާޝުގުޖީ މަރާލުމުގެ ޕްލޭނުގައި ފަހަތުގައި ހުރީ މުހައްމަދު ކަމަށެވެ.

ހާޝުގްޖީ މަރުގެ މައްސަލައިގައި މަރަން ހުކުމްކުރި މީހުނަކީ ޕްރިންސް މުހައްމަދު ގާތް ގުޅުމެއް ބާއްވަން އައި މީހުންނެވެ.