ހަބަރު

މާފުށީ ފިހާރައެއް ފަޅާލައި ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނަގައިފި

Dec 23, 2019
2

ކ. މާފުށީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، ސިނގިރޭޓު ކާޓޫނުތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މާފުށީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު 14 ސިނގިރޭޓު ކާޓޫން ވަގަށް ނަގާފައިވާ މައްސަލައެއް ރޭ މެންދަމު 3:50 ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބިއްލޫރިގަނޑު ތަޅާލުމުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތުގެ އަތް ކަނޑައިގެން ގޮސް ދޮރުގަ އާއި ތަޅުގަނޑުގައި ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފަތިހު 4:15 ކަންހާއިރު އެ މައްސަލާގައި 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ވަގަށް ނެގި ސިނގިރޭޓު ކާޓޫންތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.