ލައިފްސްޓައިލް

ހޯޕް: ސުނާމީގައި މަރުވި ދަރިންގެ ހަނދާނުގައި ދެމަފިރިއަކު ހުޅުވި ޔަތީމު ހާނާ

މީގެ 15 އަހަރު ކުރިން އެރި ބިޔަ ވަރުގަދަ ސުނާމީގައި ތިން ދަރިން މަރުވުމުން ކަރިބީރާން ޕަރަމޭޝްވަރަން އާއި އަންހެނުން ޗޫޑާމަނީއަށް ލިބުނު ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ދެމަފިރިންގެ ހަތަރު އުދަރެސް ފެނުޖެހި ދިރިއުޅުމުގެ އުންމީދު ކެނޑުނެވެ.

ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި ނުވަ އަހަރު އަދި 12 އަހަރުގެ އަންހެން ދެބެން މަރުވެގެން ދިއުމުން އެމީހުންގެ ދިރިއުޅުމަށް ފަޅުކަމާއި އެކަނިވެރިކަން ވެރިވި އެވެ.

ސައުތު އިންޑިއާގެ އަވަށެއްގައި ދިރިއުޅޭ މި ދެމަފިރިންނަށް ލިބުނު ތިން ދަރިން އެއްފަހަރާ މަރުވިތާ ދެ ތިން ދުވަހެއް ފަހުން އެހިސާބުގަނޑާ ކައިރީގައިވާ އަވަށްތަކުގެ ޚަބަރު ބަލާލަން ގޮސްލަން އެމީހުން ހިތުލައި އެ ދަތުރަށް ނުކުތެވެ. ހިތާމައިން ފޯވެގެން ތިބެ ދެ މީހުން ހިނގަމުން ދިޔައިރު މައިންބަފައިން މަރުވެ ގެދޮރު ގެއްލުމުގެ ސަބަބުން މަގުމަތިވެފައިވާ ކުޑަކުޑަ ކުދިންތައް އެމީހުންނަށް ފެނުނެވެ.

ރޮއިޓާސް އަށް ދީފައިވާ އިންޓަވިއު އެއްގައި ޗޫޑާމަނީ ބުނީ މަގުމަތިވެފައި ތިބި ކުދިންތައް ފެނިފައި އެކުދިން ގެންގޮސްގެން ބެލުމުގެ ޚިޔާލު އޭނާއަށް އައެވެ. އަމިއްލަ ދަރިންކޮޅު މަރުވިޔަސް މި ކުދިންނަށް ބޯހިޔާވަހިކަމާއި ލޯތްބާއި އަޅާލުން ދީގެން ހިތްހަމަޖައްސާލުމަށެވެ.

އެންމެ ފުރަތަމަ މި ދެމަފިރިން ގެއަށް ގެނައީ ހަތަރު ކުދިންނެވެ. އަދި ވަރަށް އަވަހަށް ގޭގެ ބައެއް ޔަތީމުޚާނާއަކަށް ބަދަލުކުރި އެވެ. މިތަނުގެ ނަމަކަށްކީ "ނަމްބިކާއީ" އެވެ. މިއީ ތަމަޅަ ބަހެކެވެ. މި ބަހުގެ އިނގިރޭސި މާނައަކީ "ހޯޕް" (ދިވެހި ބަހުން އުންމީދު) އެވެ. ދުވަސްކޮޅެއް ތެރޭގައި ކުދިން ގިނަ ވަމުން ގޮސް 36 ކުދިން އެމީހުންގެ ބެލުމުގެ ދަށަށް އައެވެ. އެއާއެކު އެ ދެމަފިރިންނަށް ދިރިއުޅުމުގެ އާ އުންމީދެއް ލިބި މާޔޫސްކަން ފިލި އެވެ.

އެފަހަރުގެ ސުނާމީގައި ސޫޑާމަނީ ދިރިއުޅޭ ނަގަޕަޓިންނަމް ކިޔާ އައްސޭރި ފަށުގެ ސަރަހައްދުން އެކަނިވެސް 9000 މީހުން މަރުވި އެވެ. އަދި 42،000 މީހުންގެ ގެދޮރު ގެއްލުނެވެ. މި ސަރަހައްދަކީ އެންމެ ބޮޑަށް ސުނާމީގެ އަސަރު ކުރި ހިސާބެވެ.

ޕަރަމޭޝްވަރަން އަކީ އެގްޒެކެޓިވް އިންޖިނޭރެކެވެ. ޗޫޑާމަނީ އަކީ ލައިފް އިންޝުއަރެންސް ކުންފުންޏެއްގެ ބްރާންޗް ހެޑެކެވެ.
އެހެންވެ މި ދެމަފިރިންނަކަށް މި ހުރިހާ ކުދިން ބެލުމުގައި ދައްޗެއް ނެތެވެ. ސުނާމީ އެރިފަހުން މިހާތަނަށް އެ ދެމަފިރިން ވަނީ 45 ކުދިންނަށް ބަލަހައްޓާފަ އެވެ. މި ކުދިންނަށްޓަކައި ދެ ބިލްޑިންގް ހަދާފައި ވެއެވެ. އެ ބިލްޑިންގްގައި އަންހެންކުދިން ބައިތިއްބާފައިވާއިރު އަނެއް ބިލްޑިން ފިރިހެން ކުދިންނަށެވެ. އެމީހުން މި މަސައްކަތް ފެށީ އަމިއްލަ ފައިސާއިން ޚަރަދު ކޮށްގެން ނަމަވެސް ރައްޓެހިން ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައި ވެއެވެ.

ދެމަފިރިންނަށް މިހާރު ވަނީ ދެ ފިރިހެން ދަރިން ވެސް ލިބިފަ އެވެ. ނަމަވެސް ޔަތީމުޚާނާގައި ތިބި ކުދިން ދޫކޮށްލުމުގެ ވިސްނުމެއް އެ ދެމަފިރިން ނުގެންގުޅެ އެވެ. ޔަތީމުޚާނާ އަށް ގެނައި ކުދިންގެ ތެރެއިން ބައެއް ކުދިން ކިޔަވައިގެން ވަޒީފާ ހޯދައިގެން އަމިއްލަ ދިރިއުޅުމެއް ފަށައި އެހެން ތަންތަނަށް ވަނީ ގޮސްފަ އެވެ. ބައެއް ކުދިން މަތީ ތައުލީމަށް ކިޔަވަމުންދާއިރު ބޮޑެތި ކުންފުނިތަކުގެ ވަޒީފާ ތަކުގައި ވެސް ބައެއް ކުދިން އުޅެ އެވެ.

ސަންގީތާ، 21، އަކީ ވެސް ސުނާމީގައި ޔަތީމުވީ ޒުވާނެކެވެ. އޭނާ ޔަތީމު ޚާނައިގައި ހުރެ ކިޔަވައިގެން އިންފޮމޭޝަން ޓެކްނޮލޮޖީން ޑިޕްލޮމާ ހަދައގެން ޔަތީމު ޚާނާއަށް އެނބުރި އައިސް މިހާރު ހުރީ އެތަނުގެ ޚިދުމަތުގަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އެނބުރި އައީ ޔަތީމުޚާނާގައި ތިބި ކުޑަކުދިންނަށް ޚިދުމަތް ކޮށްދޭށެވެ.

މިހާރު ޕަރަމޭޝްވަރަން އާއި އަންހެނުން ޗޫޑާމަނީގެ ހަޔާތުގައި ވަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

"ދުނިޔެ މިގޮތަށް އޮތްހާ ދުވަހަކު އަދި އަހަރެމެން ދުނިޔޭގައި ތިބިހާ ދުވަހަކު މި މަސައްކަތް ކުރިޔަށް ގެންދާނަން. ސަބަބަކީ މިއީ އަހަރެމެންގެ ދަރިންގެ ހަނދާނުގައި އެ ދަރިންގެ ޝަރަފުގައި އަހަރެމެން ކުރާ ކަމަކަށް ވާތީ،" އޭނާ ބުންޏެވެ.