ހަބަރު

ރާއްޖެ ކޮމަންވެލްތާ ގުޅެން މެންބަރު ގައުމުތަކުގެ ރުހުން ލިބިއްޖެ

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން ދެކޮޅު ނުހަދާ ކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް އަންގައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އެ ސިޓީފުޅުގައި ވަނީ ރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމެންޓް ޓީމާއި އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ކާމިޔާބު ދަތުރަކަށް ފަހު އެ ޓީމްތަކުގެ ރިޕޯޓްތައް މެންބަރު ގައުމުތަކާ ހިއްސާ ކުރެވިފައިވާ ކަމަށާއި ހުރިހާ މެންބަރު ގަައުމުތަކުން ވެސް އެ ރިޕޯޓަށް ރުހުން ދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުން ކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ ސިޓީފުޅުގައި ފާހަގަ ކުރައްވައިފައިވެ އެވެ. އަދި ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެން ފުރަތަމަ މަސައްކަތް ފުރިހަވެފައިވާއިރު، ވީހާ އަވަހަކަށް އެ ޖަމިއްޔާގެ މެންބަރު ގައުމަކަށް ހަދަން ބާރުއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެންބަރަކަށް ރާއްޖެއިންވެ، އަންނަ ޖޫން މަހުގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރުމަންޓް މީޓިންގައި ކޮމަންވެލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއަށް ބައިވެރިވެވޭނެ ކަމަށެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ ޖުލައި 9، 1982 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮކްޓޯބަރު 13، 2013 ގައި ކޮމަންވެލްތުން ވަކިވި އެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެ ޖަމިއްޔާގެ މެންބަރަކަށް ވާން ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގަ އެވެ.