ހަބަރު

ސިޓީތަކުން އަންހެނުންނަށް ހާއްސަ ދާއިރާތައް އިއުލާންކޮށްފި

Dec 26, 2019
2

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ދާއިރާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އިއުލާންކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސަންޓު ހާއްސަ ވަނީ އަންހެނުންނަށެވެ. އެހެންކަމުން ސިޓީ ކައުންސިލްތަކުން 12 ގޮނޑި އަންހެނުންނަށް ހާއްސަ ވާނެ އެވެ. އެގޮތުން މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަވާނެ އެވެ. އަދި އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކާއި ފުވަމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާއަކީ އަންހެނުންނަށް ހާއްސަ ދާއިރާތަކެވެ.

އީސީ އިން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުންނަށް ހާއްސަވާ ދާއިރާތައް ކަނޑައަޅާފައި ވަނީ ގުރުއަތު ލައިގެނެވެ. އެގޮތުން ދާއިރާތަކަށް ނަން ދިނުމުގެ ބަދަލުގައި އެ ކޮމިޝަނުން މިފަހަރު ވަނީ ކޮންމެ ދާއިރާއަކަށް ނަމްބަރެއް ދީފަ އެވެ.

މާލެއިން އަންހެނުންނަށް ހާއްސަ ދާއިރާތައް

ހެންވޭރުގެ ބައެއް - 4، 2
މައްޗަންގޮޅީގެ ބައެއް - 9
މާފަންނުގެ ބައެއް - 12، 14
ވިލިމާލެ - 18

އައްޑޫއިން އަންހެނުންނަށް ހާއްސަ ދާއިރާތައް

ހިތަދޫގެ ބައެއް - 3
ފޭދޫގެ ބައެއް - 6
ހުޅުދޫގެ ބައެއް - 18
މީދޫގެ ބައެއް - 12

ފުވަމުލަކުން އަންހެނުންނަށް ހާއްސަ ދާއިރާތައް

ދަޑިމަގާއި ދިގުވާނޑުގެ ބައެއް - 1
ފުނާޑުގެ ބައެއް - 4

ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުން އިންތިހާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 372 އެވެ. އީސީ އިން ބުނީ ދެން ހުރި ގޮނޑިތަކަށް ދެ ޖިންސަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ އެވެ. އެހެންކަމުން ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހަކު އިންތިހާބުކުރާނެ އެވެ.

އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިހާބުކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެއެވެ.