އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 31 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އިންތިހާބުތަކުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެހެންކަމުން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބަށް ބާއްވަން ޖެހޭ އެ ޕާޓީގެ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބު ވެސް ކާމިޔާބުކޮށްފައިވާ އެމްޑީޕީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އިއުލާން ކުރާނީ މި މަހުގެ 30 ވަނަ ދުވަހުގަ އެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ވާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައި ކަމަށް އެމްޑީޕީގެ ޓައިމްލައިންގައި އެވެ.

އަންނަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އެ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލާނީ ތިން ދުވަހުގެ މުއްދަތަކެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އަންނަ މަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިިންމާފައިވާއިރު، އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތާއި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނީ މި އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެންބާޝިޕްގައި ތިބޭ މެންބަރުންނަށެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.