ވިޔަފާރި

ދިވެހި ބްރޭންޑެއްގެގޮތު ތޮއްޑޫ ފަޅޯ ރަޝިޔާއަށް!

Dec 29, 2019
3

ރާއްޖޭގެ ދަނޑުވެރި ކަމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ އއ. ތޮއްޑޫ ފަޅޯ، ދިވެހި ބްރޭންޑެއްގެ ގޮތުގައި ރަޝިއާއަށް އެކްސްޕޯޓް ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ތޮއްޑޫ ދަނޑުވެރިންގެ އަތުން ފަޅޯ ގަނެ، އެކްސްޕޯޓް ކުރަން ފަށަން ތައްޔާރުވަމުންދާ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މި ފުރުސަތު ލިބިފައި ވަނީ ރަޝިއާގެ ކުންފުންޏަކާއެކު ކުރި މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

"ފަޅޮލަކީ ރަޝިއާގައި ވަރަށް އަގު ބޮޑު އެއްޗެއް. އެހެންވެ އުންމީދު ކުރަނީ މީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ އާމްދަނީ ވެސް އިތުރު ވެގެން ދާނެ ކަމަށް،" ތޮއްޑޫ، ސެރީނާ ސްކައި، ގެސްޓްހައުސްގެ ވެރިޔާ ކަރަމް ވިދާޅުވި އެވެ.

ކަރަމް ވަނީ ތޮއްޑޫ ފަޅޯ ރަޝިއާގެ މާކެޓަށް އެކްސްޕޯޓް ކުރަން ފެށުމުގެ ގޮތުން، ރަޝިއާއަށް ގޮސް، އެ ކޮޅުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ.

"ރަޝިއާއަށް އެތެރެ ކުރަން ލިބެން ޖެހޭ ހުރިހާ ސެޓްފިކޭޝަންތަކާއި ހުއްދަތައް ވެސް މިހާރު ލިބިއްޖެ. ރާއްޖެ އިން ހޯދަން ޖެހޭ ހުއްދަ ނެގުމަށްފަހު އެކްސްޕޯޓް ފެށޭނެ،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ މަހު ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓް ކުރަން ފެށޭނެ ކަމަށާ، މަގުސަދަކީ ތޮއްޑޫ އިތުރަށް އިޝްތިހާރު ކުރުން ކަމަށެވެ.

"އެއާ ފްލައިޓްކޮށް އެކްސްޕޯޓް ކުރާނީ. ފުރަތަމަ ގެންދާނީ އެއް ޓަނު. ފަޅޯގެ ލޭބަލް އާއި ފޮށި ވެސް ހުންނާނީ ތޮއްޑޫ އިޝްތިހާރުވާ ގޮތަށް. އޭރުން ދަނޑުވެރިންނަށް މަންފާ ލިބުމުގެ އިތުރަށް ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ،" ކަރަމް ވިދާޅުވި އެވެ.