ބޮލީވުޑް

"ޖައްސީ ޖޭސީ..."ގެ މޯނާ ކައިވެންޏަށް ތައްޔާރުވަނީ

"ޖައްސީ ޖޭސީ ކޯއި ނެހީ" އިން މަޝްހޫރުވި ބަތަލާ މޯނާ ސިންގް އަލަތު ކައިވެންޏަށް ތައްޔާރުވާން ފަށައިފި އެވެ. ހުކުރު ދުވަހު މޯނާ ކައިވެނި ކުރަނީ އިންވެސްޓްމަންޓް ބެންކަރެއް ކަމަށްވާ ޝިޔާމް އާ އެވެ.

ކައިވެނީގެ ރަސްމިއްޔާތުތަކުގައި "ޖައްސީ"ގައި މޯނާގެ އެންމެ ގާތް އެކުވެރިޔާގެ ރޯލު އަދާކުރި ގޯރަވް ގޭރާ އާއި އެނޫން ވެސް ވަރަށް ގިނަ ޓީވީ އެކްޓަރުން ބައިވެރިވެ އެވެ.

މޯނާގެ ކައިވެނީގެ ވާހަކަ މީގެ ކުރިން އޭނާ އޮތީ މީޑިއާ އަށް ސިއްރުކޮށްފަ އެވެ. އެއީ ކައިވެނީގެ ކަންތައްތަކަކީ ދެ ފަރާތުގެ އާއިލާ އާއި ގާތް މީހުން ބައިވެރިވާ ވަރަށް ޚާއްސަ ހަމައެކަނި އާއިލާގެ ކަމަކަށް ހެދުމަށެވެ.

މޯނާ އަކީ ޕަންޖާބުގެ ޗަންދީގަޅްގެ އާއިލާއަކަށް ނިސްބަތްވާ އެކްޓަރެކެވެ. "ޖައްސީ ޖޭސީ ކޯއި ނެހޭ" އަކީ މޯނާއަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު ޝޯ އެވެ. އޭގެ ފަހުން އޭނާ ވަނީ "ކިޔާ ހުވާ ތޭރާ ވާދާ"، "ޕިޔާރް ކޯ ހޯނޭ ދޯ" އަދި "ކަވަޗް" ގައި ބައިވެރިވެފަ އެވެ.