ބޮލީވުޑް

"މިސްޓާ ލެލޭ" އިން ކިއާރާ ވަކިވެއްޖެ

ޝަޝާން ޚައިރާން ޑައިރެކްޓް ކުރާ ވަރުން ދަވަންގެ "މިސްޓަ ލެލޭ" ގެ ބަތަލާއަކަށް ހަމަޖެއްސި ކިއާރާ އަދުވާނީ އެ ފިލްމު ނުކުޅޭނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފި އެވެ.

މި ފިލްމުގައި ވަރުން އާއި ކިއާރާ ބައިވެރިވާ ޚަބަރު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން މި ދެ ތަރިންގެ ފޭނުން ވަރަށް އުފަލުން އުޅުނެވެ. ޚާއްސަކޮށް "ކަލަންކް" ގައި ކިއާރާ އާއެކު ވަރުން ކުޅުނު އައިޓަމް ލަވަޔަށް ފަހު މި ދެ ތަރިން އެއް ފިލްމަކުން ދެކިލަން ބޭނުންވާ ފޭނުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މި ދެ ތަރިންގެ ފިލްމެއް ބަލަން އަދި ދިގު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ.

ކިއާރާއަށް މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. ޝާޙިދު ކަޕޫރާއެކު އޭނާ ކުޅުނު "ކަބީރް ސިންގް" އަކީ 2019 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި ހުކުރު ދުވަހު ރިލީޒްކުރި އޭނާ އާއި އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރުގެ "ގުޑް ނިއުޒް" ވެސް ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

"މިސްޓަ ލެލޭ" ކުޅެވޭ ގޮތް ކިއާރާ އަށް ނުވީ އޭނާ މިހާރު ސޮއި ކޮށްފައިވާ ފިލްމުތަކާއި މި ފިލްމަށް ދޭން ޖެހޭ ތާރީޚްތައް ފުށުއަރާތީ ކަމަށް ވެއެވެ.

ކިއާރާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން 2020 ގައި ރިލީޒްވާން ހަމަޖައްސަފައިވާ ހަތަރު ފިލްމެއް އެބައޮތެވެ. އޭގެ ތެރޭގައި ކާރްތިކް އާރްޔަން އާއެކު ކުޅޭ "ބޫލް ބުލައްޔާ 2" އާއި، އިންދޫ ކީ ޖަވާނީ"، "ލަކްޝްމީ ބޮމް" އަދި "ޝޭރްޝާހް ހިމެނެ އެވެ.