ހަބަރު

ދިރާގުގެ މައްސަލައެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް

ރާއްޖޭގައި މުވާސަލަތީ ހިދުމަތް ދެމުން އަންނަ ކުންފުނި، ދިރާގުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެ އެވެ.

އެސްއޯއީ ކޮމިޓީގައި އިންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާގަކީ މި ސަރަހައްދުގައި ވެސް އިންޓަނެޓްގެ ހިދުމަތަށް އެންމެ ބޮޑު އަގު ނަގަމުންދާ ކުންފުނި ކަމަށެވެ. އަދި ވިދާޅުވީ ނަގާ އަގަށްވުރެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ދަށް ކަމަށެވެ.

"ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަތައް ވެސް ވަނީ އާންމުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން މިކަން ތަހުގީގު ކުރަން އަޅުގަނޑު ހުށަހަޅާނަން،" އަލީ ހަމީދުގެ ޓްވީޓްގައި ލިޔުއްވައިފައިވެ އެވެ.

އަލީ ހަމީދު ކުރެއްވި ޓްވީޓް

އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮކޮށް ހިދުމަތުގެ ފެންވަރު މަތި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު ސަރުކާރުން އިއުލާން ކުރި ސްޓެރެޓެޖިކް އެކްޝަން ޕްލޭން (އެސްއައިޕީ) ގައިވާ ގޮތުން އިންޓަނެޓް އަގު ތިރި ކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 2021 ވަނަ އަހަރެވެ.

އިންޓަނެޓާއި މުވާސަލަތީ ހިދުމަތްތަކާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ވަކި ވުޒާރާއެއް ވެސް ވަނީ މި ސަރުކާރުން އުފައްދައިފަ އެވެ. ކޮމިއުނޭޝަން މިނިސްޓްރީއާ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ހަވާލުވެވަޑައިގަތް ފަހުން އެކި ފަހަރު މަތިން އޭނާ ވެސް ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ ގޮތުން އެ ހިދުމަތް ދޭ ކުންފުނިތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އިންޓަނެޓް އަގު ހެޔޮ ތިރި ކުރެވޭނެ ގޮތެއް ވެފައެއް ނުވެ އެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ދިރާގުގެ އިތުރުން އުރީދޫ އާއި އާރުއޯއެލް ހިމެނެ އެވެ.