ވިޔަފާރި

އުރީދޫގެ ހިއްސާދާރުންގެ ޑިރެކްޓަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Dec 30, 2019

ރާއްޖޭގައި މުވާސަލަތީ ހިދުމަތް ދެމުންދާ އުރީދޫ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަ އެ ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުރީދޫގެ ހިއްސާދާރަކަށް ވުމާއި، ކޯޕަރޭޓް ގަވާނަންސް ކޯޑުގައި ހިމެނޭ ޝަރުތުތައް ފުރިހަމަ ވުމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ މިންގަނޑުތައް ފުރިހަމަ ވާން ޖެހެ އެވެ.

އޭގެ އިތުރުން ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ ޔުނިވަސިޓީއަކުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއި ބައިނަލް އަގްވާމީ ނުވަތަ ރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޫރިދޫން ބުނި ގޮތުގައި އެ މަގާމަށް ކުރިމަތިލާ މީހުންނަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑުގައި މި ވަގުތު ހިމެނޭ މީހުންނަށް ވެގެން ނުވާނެ އެވެ.

އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު، އުރިދޫގެ ވެބްސައިޓުން ލިބޭނެ އެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލާ މީހުން ޝޯޓް ލިސްޓް ކުރާނީ އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީންނެވެ. އަދި ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މައުލުމާތު އާންމު ކުރާނީ އަންނަ އަހަރުގެ މާޗު މަހުގައި އޮންނަ އެ ކުންފުނީ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާ އެކު އެވެ.