ށ. ފޯކައިދޫގެ މައްޗަށް 1-0 ގެ ނަތީޖާއަކުން އުނދަގޫ މޮޅެއް ޓީސީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.
ޓީސީ މޮޅުވެ އެ ޓީމު ވަނީ ހަތަރު ވަނައިގައި ހަމަޖެހިލާފަ އެވެ. ޓީސީ ވަނީ ފަސް ވަނައިގައި އޮތް ފޯކައިދުއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ފަސް ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ. ތިން ވަނައިގައި އޮތީ ކުލަބު ގްރީން ސްޓްރީޓެވެ. ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ ސަސްޕެންޑް ކޮށްފައި ވުމުން، ޝެޑިއުލްގައި ވިކްޓަރީ އާ ދެކޮޅަށް ރޭ ކުޅެން އޮތް މެޗުގެ ތިން ޕޮއިންޓް ގްރީން ސްޓްރީޓަށް ލިބޭނެ އެވެ. އެހެންވެ މިހާރު އެ ޓީމަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ 27 ޕޮއިންޓާއެކު އޮތް އީގަލްސް އެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތެއް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އުފެއްދޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު ފުރުސަތު ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.
ދެ ވަނަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖާހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީގެ އިސްމާއީލް އީސާ (މެސީ) އަށެވެ. މެޗުގެ 72 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާ ހުސްކޮށް ހުރެ ބޯޅަ ފޮނުވާލީ ފޯކައިދޫގެ ކީޕަރު ސާގިބް ހަނީފް ހުރި ފަޅި އަށެވެ. ސާގިބް ދިފާއު ކުރި ބޯޅަ ރީބައުންސަށް ނުކުތުމުން ލިބުނީ އާދަމް އިޝާމް (ސަން) އަށެވެ. ގޯލްގެ އަރިމައްޗަށްވާ ގޮތަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވެ އެ ބޯޅަ ދެން ލިބުނީ ފޯކައިދޫ ކުޅުންތެރިންނަށެވެ.
ފޯކައިދޫގެ ކުޅުންތެރިން ކުރިއަށް ކުލިއާ ކޮށްލި ބޯޅައިން ފޯކައިދުއަށް ފުރުސަތު ލިބިގެން ދިޔަ އެވެ. ޓީސީގެ އޭރިއާގެ ތެރޭގައި ހުހަށް ހުރެފައި ހުސައިން ލަމްއާން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ޓީސީން ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނެޓްގައި އެ ޓީމުން ނެގި ކޯނަރު އަބްދުލް ވާހިދު (ވާޑް) ނެގުމުން މުހައްމަދު އަޖުފާން ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ފުރަތަމަ ބުރުގައި ފޯކައިދުއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވެފައި ވުމުން، މެޗަށް ނުކުތީ މޯޅުވުމުގެ އަމާޒުގައި ކަމަށެވެ. އެކަމަށް ކުޅުންތެރިން ވަރަށް ރަނގަލަށް މަސައްކަތް ކުރިކަން އޭނާ ފާހަގަ ކުރި އެވެ.
ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނީ، ފުޓްބޯޅަ އޮތީ ޗުއްޓީ މޯޑްގައި ކަމަށާއި ދަނޑަށް އަރާ ހުރި ރެފްރީންގެ ފަރާތުންވެސް ފެނުނީ އެކަންތައް ކަމަށެވެ.