އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަ ކުރުމަށް ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ ކައުންސިލް އިންތިހާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ކުރިމަތިލާން ބޭނުންވާ ދާއިރާއެއްގެ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފަރާތުން ތާއީދު އޮތްކަން އަންގައިދޭ ލިޔުމެއްވެސް ހުށައަޅަންޖެހެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.