ހަބަރު

13 އަހަރުގެ ކުއްޖާގެ މައިންބަފައިންނަށް ދައުވާކޮށްފި

އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު، ކޯޓުން ބޭރުން ކައިވެނިކޮށް ބަލިވެ އިދެ ވިހޭ މައްސަލާގައި އެކުއްޖާގެ މައިން ބަފައިންނަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު ވިހެއި މައްސަލާގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވާފައިވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ ކުއްޖާގެ ބެލެނިވެރިންގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ އަދި އަނެކެއްގެ މައްޗަށް އެއް ދައުވާކޮށް، އެމައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅެ، އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އުމުރުން 13 އަހަރުގެ އެ އަންހެން ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

މި މައްސަލަ އާ ގުޅިގެން އެ އާއިލާގައި ހިމެނޭ ހަ ކުދިން ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. ކައިވެނީގެ ނަމުގައި އެ އަންހެން ކުއްޖާއާ އިން ފިރިހެން މީހާ އޭނާއާއެކު ގުޅުން ހިންގައި އޭނާގެ ދަރިއަކަށް އެ ކުއްޖާ ބަލިވެ ބައިންދާ، އެކުއްޖާ ދާދި ފަހުން ވަނީ ވިހައިފަ އެވެ.

އެ މައްސަލާގައި އެ އަންހެން ކުއްޖާއާ ކައިވެނީގެ ނަމުގައި ނަހަމަ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު ވެސް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. ކުޑަ ކުއްޖަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހައްމާދުގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.