ހަބަރު

ތިމާވެށީގެ ކަންކަމުގައި އާންމުންނަށް މިނިސްޓަރާ ބައްދަލުކުރެވޭ ގޮތް ހަދައިފި

ތިމާވެށީގެ މައްސަލަތަކުގައި އާންމު ރައްޔިތުންނަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާ ބައްދަލު ކުރެވޭ ގޮތަށް އެ މިނިސްޓްރީން އިންތިޒާމުތައް ހަމަޖައްސައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ މި ފެށު 2020 ވަނަ އަހަރުން ފެށިގެން ތިމާވެއްޓާ ބެހޭ މައްސަލަތަކުގައި މަޝްވަރާ ކުރުމަށް އެއްވެސް އެޕޮއިންމަންޓަކާ ނުލައި އާންމު ރައްޔިތުންނަށް މިނިސްޓަރާ ބައްދަލު ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އެޕޮއިންޓްމަންޓަކާ ނުލާ މިނިސްޓަރާ ބައްދަލު ކުރެވޭނީ ކޮންމެ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް އެއް ގަޑިއިރަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރާ އާންމުން އެއްވެސް އެޕޮއިންޓްމަންޓަކާ ނުލާ ބައްދަލު ކުރެވޭ ގޮތަށް ހަމަޖައްސުމުން ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތާކައި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ތިމާވެއްޓާ ބެހޭ ކަންބޮޑުވުންތައް ސިދާ މިނިސްޓަރާ ހިއްސާ ކުރުމުގެ ފުރުސަތު ހަމަޖެހި، އެދެވޭ ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއީ އާންމު ރައްޔިތުންނަށް މިނިސްޓަރަކާ ބައްދަލު ކުރެވޭ ގޮތަށް މިފަދަ އިންތިޒާމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ރަށްރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމުގެ ގޮތުން މިނިސްޓަރު ވަނީ ވޭތުވެދިޔަ އަހަރު އެކި ރަށްރަށަށް ވެސް ދަތުރު ކުރައްވައިފަ އެވެ.