ވިޔަފާރި

ވިޔަފާރިނުކުރާ ފަރާތްތައް ޓެކުހުގެ ދަފުތަރުން އުނިވާން ފުރުސަތެއް!

Jan 4, 2020
4

ޓެކުހަށް ރަޖިސްޓްރީކޮށް، އެކަކު ވިޔަފާރި ނުކުރާ ފަރާތްތައް ޓެކުހުގެ ދަފުތަރުން އުނިވާން ފުރުސަތެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދީފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނި ގޮތުގައި އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި ވިޔަފާރި ނުކުރާ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭ އާމްދަނީ އަށް ބަލާއިރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ދަށުން، ރަޖިސްޓްރީ ކުރަން ލާޒިމްނުވާ ގިނަ ފަރާތް ތަކެއް ހިމެނޭކަން ފާހަގަވެފައިވާ ކަމަށެވެ.

ޓެކްސް ނެގުމުގެ ގާނޫނު އޮންނަ ގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިނަމަވެސް ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަ ނުކުރުމަކީ ގާނޫނީ ގޮތުން ޖޫރިމަނާވާ ކަމެކެވެ. އެހެންކަމުން ވިޔަފާރިކުރާ އަމިއްލަ ފަރުދުން ރަޖިސްޓްރީ ކުރުމާއި ބީޕީޓީ ބަޔާން ހުށަހެޅުމާއި ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރު ކުރުމާއި އޮޑިޓް ކުރުމަށް ބޮޑު ލުއިތަކެއް 2017 ވަނަ އަހަރު މީރާއިން ދީފައިވެ އެވެ.

މީރާއިން ބުނީ 2007 ވަނަ އަހަރު މި ލުއިދިން ނަމަވެސް ޓެކުހާ ގުޅިގެން އަދާކުރަން ޖެހޭ އިލްތިޒާމްތައް އަދާ ނުކުރެވިގެން ކުދި ވިޔަފާރި ތަކަށް އެކިއެކި ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.

މީރާ 106 ފޯމުން ރަޖިސްޓްރީން އުނިކޮށްދޭ

އެހެންކަމުން ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓްރީ އުނިކުރުމަށް އެދޭ ފޯމް (މީރާ 106) ފުރިހަމަ ކުރުމަށްފަހު ރަޖިސްޓްރީން އުނިކުރަން ހުށަހަޅަން އެދޭ ކަމަށެވެ.

މީރާ އިން މީގެ ކުރިންވެސް ކުދި ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ބަދަލެއް ގެނެސްފައިވެ އެވެ. އެ އޮތޯރިޓީއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު މީރާގެ "އެންފޯސްމަންޓް ޕޮލިސީ އަށް" އިސްލާހު ގެނެސްފަ އެވެ. މި ބަދަލާއެކު ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްނުކޮށްފި ނަމަ 30 ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އިތުރު ތިން ދުވަހުގެ މުއްދަތެއް ދެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެވޭނެ އެވެ. ކުރިން އޮންނަ ގޮތުން، ފައިސާ ދައްކަން ދެނީ 15 ދުވަހުގެ ނޯޓިސް އެކަންޏެކެވެ.