އޮފްބީޓް

މެލޭޝިޔާ އަންހެނަކު ކައިވެންޏަށް ދިޔައީ އެމްބިއުލެންސްގައި

Jan 4, 2020

އެހެން މީހުން ނުކުރާ އާ ކަންތައްތައް ކުރުމަށް މިހާރަކަށް އައިސް ގިނަ ބަޔަކު ބޭނުންވެ އެވެ. ޚާއްސަކޮށް ކައިވެނީގެ ރަސްމިއްޔާތުތައް ތަފާތު ކޮށްލަން ޝައުގުވެރިވާ ޒުވާނުން މިހާރު ގިނަ އެވެ.

އެގޮތުން މެލޭޝިޔާގައި ދާދިފަހުން ވަނީ އަންހެނަކު އޭނާގެ އަލަތު ކައިވެނި ކުރަން ހަމަޖެހިފައި އޮތް ތަނަށް އެމްބިއުލެންސެއްގައި ގޮއްސަ އެވެ. އޭނާ އެމްބިއުލެންސްގައި ދިޔައީ ކައިވެނިކުރާ ދެ މީހުން ކުރެ އެކަކުވެސް ސިއްހީ އުޒުރެއް އޮވެގެނެއް ނޫނެވެ. މަޖަލަކަށެވެ. މި ދެ މީހުން އެމްބިއުލެންސްގައި އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ގިނަ ބަޔަކަށް މިއީ މަޖާ ކަމަކަށް ވެސް ވަރަށް ތަފާތު ކޮމެންޓްތައް ކޮށް ވަރަށް ގިނަ ބަޔަކު މި ވީޑިއޯ އަށް ލައިކް ވެސް ދީފައި ވެއެވެ.

މި ވީޑިއޯއިން ފެންނަނީ ކައިވެނީގެ ރަސްމިއްޔާތު އޮތް ތަނަށް ސައިރަން އަޅަމުން އައިސް ދެ އެމްބިއުލެންސް ހުއްޓި ތަނެވެ. މިކަން މިގޮތަށް ކުރާކަން ނޭނގޭ މީހެއް ނަމަ ހީކުރާނީ މެޑިކަލް އިމެޖެންސީއެއް ދިމާވެގެން އުޅެނީ ކަމަށެވެ. އެމްބިއުލެންސް ހުއްޓުމާއެކު އޭގެން ފުރަތަމަ ވެސް ފޭބީ ކައިވެނިކުރާ ފިރިހެން މީހާ އެވެ. އޭނާ ހުރީ އިމަޖެންސީގައި ފަރުވާދޭ ސިއްހީ އެހީތެރިއެއްގެ ޔުނިފޯމްގަ އެވެ. އަންހެންމީހާ އެމްބިއުލެންސުން ފޭބީ ހިނގާފައެއް ނޫނެވެ. ސްޓްރެޗަރެއްގައި އޮށޯވެ އޮވެގެންނެވެ. އަނެއް އެމްބިއުލެންސްގައި މި ކައިވެނި ކުރާ ތަނަށް އައި އަންހެންމީހާގެ އާއިލާގެ މީހުންނެވެ.

އަންހެނަކު ސަންދޯކެއްގައި ކައިވެނިކުރާ ތަނަށް ދާ މަންޒަރެއް ފެންނަ ވީޑިއޯއެއް ވެސް ވަރަށް ފަހުން ވައިރަލް ވިއެވެ.