ހަބަރު

ތުލުސްދޫ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

ކ.ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލީ ފަޅުގައި އޮތް ސަފާރީއެއްގައި އަލިފަން ރޯވި ކަމުގެ ރިޕޯޓު މިއަދު ފަތިހު 5:42 ހާއިރު ލިބުމާ ގުޅިގެން އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ސަފާރީއަކީ އޮސްޓްރޭލިއާގެ "ވެރިޓާ" ނަަމަކަށް ކިޔާ ސަފާރީއެއް ކަމަށާއި މީގައި އަލިފާން ރޯވި އިރު އެގައުމުގެ ތިން މީހަކު ތިބި ކަމަށެވެ. ޢަދި މި ތިން މީހުންވެސް އެހެން އުޅަނދަކަށް ނަގައިި ފަރުވާ ދިނުމަށް ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނީ ކޮންކަހަލަ އަނިޔާ އެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ދުމުގެ އަސަރުކޮށްގެން ނޭވާލާން އުދަނގޫ ވެގެން ތިން މީހަކު އެ މަރުކަޒަށް ގެނެސްފައިވާ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ޢަދި ސީރިއަސް އަނިޔާއެއްވެސް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސަފާރީގައި ރޯވެފައިވާ އަލިފާން އަދި ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑިއެފް އިން ބުނެ އެވެ.