ލައިފްސްޓައިލް

44 ދަރިން ވިހޭ މީހާގެ ހިތް ހަލާކުވެފައި!

ދުނިޔޭގައި މިވަގުތު ހުރި އެންމެ ގިނަ ދަރިން ވިހޭ މީހަކީ ޔޫގެންޑާގެ މަރިއަމް ނަބަތަންޒީ އެވެ. އުމުރުން 12 އަހަރުގައި މަރިއަމް ކައިވެނިކުރީ އޭނާއަށް ވުރެ ހަތަރު ގުނަ ދޮށީ މީހަކާ އެވެ. މަރިއަމް އަށް 13 އަހަރު ފުރުނުއިރު އޭނާ އޮތީ އެއްމާބަނޑު ދެ ކުދިން ވިހައިގެންނެވެ. އޭގެ ފަހުން ލިބުނީ އެއްމާބަނޑު ހަތަރު ކުދިންނެވެ. ދެން އެއްމާބަނޑު ތިން ބެއިން، ދެ ބެއިންނެވެ. މިގޮތަށް އޭނާ ހުއްޓުމެއް ނެތި ވިހަމުން ދިޔަ އެވެ.

މަރިއަމް އަށް އެއްމާބަނޑު ގިނަ ކުދިން ލިބުމުގެ ސިއްރަކީ އޭނާގެ ހަށިގަނޑުގައި ހުރި ޖެނެޓިކް މައްސަލަ އެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މައްސަލައެއް ކަމަށް މަރިއަމް އަށް ފަރުވާދޭ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ކޮންމެ އަހަރަކު ވިހަމުން ވިހަމުން ގޮސް މަރިއަމް އުމުރުން 36 އަހަރު ފުރުނުއިރު އޭނާގެ 44 ދަރިން ތިއްބެވެ.

އެންމެ ދެރަކޮށް ދިމާވި ކަމަކީ މީގެ ހަތަރު އަހަރު ކުރިން މަރިއަމްގެ ފިރިމީހާ އޭނާ އާއި ކުދިންތައް ދޫކޮށްލާފައި ދިއުމެވެ. އޭގެ ފަހުން ހުރިހާ ދަރިން ބެލުމުގެ ޒިންމާ އެޅިފައިވަނީ މަރިއަމްގެ ކޮނޑުގަ އެވެ.

މިހާ ގިނަ ދަރިން ތިބިއިރުވެސް މަރިއަމް އަކީ ދަރިން ދެކެ ލޯބިވާ އަދި ދަރިންނަށް އަޅާލާ މަންމައެކެވެ. މަރިއަމް ތިން ފަހަރަށް އެއްމާބަނޑު ހަތަރު ކުދިން ވިހެ އެވެ. އަދި ހަތަރު ފަހަރަށް އެއްމާބަނޑު ތިން ކުދިން ވިހެ އެވެ. އަދި ހަ ފަހަރަށް އެއްމާބަނޑު ދެ ކުދިން ވިހެ އެވެ.

އޭނާގެ ދަރިންނަށް ކާންދޭނެ ކާއެއްޗެހި ހޯދުމަށާއި ބޯހިޔާވަހިކަން ހޯދައިދިނުމަށް މަރިއަމް ވަރުބަލިކަމެއް ނެތި ވަރަށް ބުރަކޮށް މަސައްކަތް ކުރެ އެވެ.

މަރިއަމް އަކީ ބޯކޮށުމުގެ މަސައްކަތް ކުރާ މީހެކެވެ. އަދި އިވެންޓްތައް ޑެކަރޭޓްކުރުމާއި ބާ ދަގަނޑު ވިއްކުމުގެ މަސައްކަތް ވެސް ކުރެ އެވެ. އަދި ހާބަލް ބޭހެއް ހަދަން ބޭނުންވާ އެއްޗެހި ވެސް މަރިއަމް ތައްޔާރުކޮށްދެ އެވެ. އޭނާއަށް ދިރިއުޅުމުގައި މަހްރޫމްވީ ހުރިހާ ކަމެއް ދަރިންނަށް ކޮށްދިނުމަކީ މަރިއަމްގެ އަޒުމެވެ. ނަމަވެސް އޭނާއަށް ލިބޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ދަރިންގެ ކެއިން ބުއިމުގެ ޚަރަދަށާއި ބޭހަށް އަދި އަންނައުނު ގަތުމަށާއި ސްކޫލް ފީ އަށެވެ.

އޭނާގެ ދޮއްޓަށް ތިބި ކުދިން ސްކޫލް ނިންމާ ގްރެޖުއޭޓްވީ ފޮޓޯތައް މަރިއަމްގެ ގޭގައި ވަރަށް ފަޚުރުވެރިކަމާއެކު އެލުވާފައި ހުރެ އެވެ. ނަމަވެސް މަރިއަމް އުޅޭ ބުރަ ގޮތް ފެނިފައި އޭނާގެ އެއް ދަރިފުޅު ކަމަށްވާ އިވާން ކިބޫކާ ވަނީ ކިޔެވުން ދޫކޮށްލާ މަސައްކަތް ކޮށްގެން ފައިސާ ހޯދަން ފަށާފަ އެވެ.

ތޭވީސް އަހަރުގެ މި ޒުވާނާ ބުނި ގޮތުގައި އޭނާގެ މަންމައަށް އުޅެން ޖެހިފައިވާލެއް ބުރަ ކަމުން މަންމަގެ ދުވަސް ދާން މިހާރު ކައިރިވެއްޖެ އެވެ. އޭނާ އާއި އާއިލާގެ އެހެން ކުދިން ކެއްކުމާއި އެއްޗެހި ދޮވުމުގައި މަންމައަށް އެހީތެރިވާ ކަމަށް އިވާން ބުންޏެވެ. ނަމަވެސް ބޮޑު އާއިލާއެއްގެ ޒިންމާ އެކަނި އުފުލަން ޖެހުމުގެ ސަބަބުން މަރިއަމް އަށް މާ ބޮޑަށް ބުރަ ވަނީ އެވެ.

އިވާން ބުނި ގޮތުގައި މަންމަ އުޅޭ ބުރަ ހާލަށް އޭނާ ވަރަށް ދެރަވެ އެވެ. ޔޫގެންޑާގައި މަރިއަމް އާއި އޭނާގެ ދަރިން އުޅެނީ ކުޑަ ކުޑަ ހަތަރު ގޭގައި ވަރަށް ދަތި ހާލުގަ އެވެ. ސިމެންތި ގަލުން ރާނާފައިވާ މި ގެ ތަކުގައި ހުރީ ދަބަރު ޖަހާފައިވާ ޓިނެވެ. އެ ގޭގެ ވަށައިގެން އޮތީ ކޮފީ ދަނޑުތަކެވެ.

މަރިޔަމްގެ އަމިއްލަ ހަޔާތަކީ ވެސް ވަރަށް ހިތާމަތައް ތަހައްމަލު ކުރަން ޖެހުނު ހަޔާތެކެވެ. މަރިޔަމް އުފަންވިތާ އެންމެ ތިން ދުވަސް ތެރޭ އޭނާ އާއި އޭނާ އާ އެއްބަނޑު އެއްބަފާ ފަސް ކުދިން އަދި ފިރިމީހާ ދޫކޮށްލާފައި މަރިއަމްގެ މަންމަ ދިޔައީ އެވެ. މަރިއަމްގެ ބައްޕަ އެހެން މީހަކާ ކައިވެނި ކޮށްގެން ގެނައުމުން ދޮންމަންމަ އޭނާގެ ހުރިހާ ދޮންދަރިންނަށް ފުޅިތޮށި މުގުރާފައި ކާއެއްޗިއްސާ އެއްކޮށް ކާން ދިނުމުން ހުރިހާ ކުދިން މަރުވީ އެވެ. ސަލާމާތްވީ ހަމައެކަނި މަރިއަމް އެވެ. އޭނާ ސަލާމަތްވީ އެ ދުވަހު އޭނާ ތިމާގެ މީހެއްގެ ގޭގައި ހުރީމަ އެވެ.

މަރިއަމް ބުނި ގޮތުގައި އޭނާއަށް އޭރު އެންމެ ހަތް އަހަރެވެ. އެހެންވެ މަރަކީ ކިހިނެއްވާ އެއްޗެއް ކަމެއް ވެސް އޭރަކު އޭނާއަށް ނުވިސްނެ އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކުދިން މަރުވި ގޮތް މަރިއަމް އަށް ކިޔައިދިނީ ތިމާގެ މީހެއް ކަމަށް މަރިއަމް ބުންޏެވެ.

އެއްބަނޑު އެއްބަފާ ހުރިހާ ކުދިން މަރުވުމުން މަރިއަމް ވަރަށް އެކަނިވި އެވެ. އޭނާގެ އަމިއްލަ އާއިލާއެއް ވަރަށް ބޮޑަށް މަރިއަމް ބޭނުންވި އެވެ. މަރިއަމް ޚިޔާލުކޮށްގެން ހުރީ ހައެއްކަ ކުދިން ވިހާށެވެ. ނަމަވެސް މަރިއަމްގެ ހުރި ޖެނެޓިކް މައްސަލައަކާ ހެދި އޭނާގެ ހަށިގަނޑުގައި ވަނީ އާދަޔާޚިލާފު ބޮޑު ދެ އޯވަރީ އެވެ. ދޭތެރެ ކުރުމަށް އެއްވެސް ކަމެއް ކުރުން އަދި ބޭހެއް ކެއުމަކީ މަރިއަމްގެ ސިއްހަތަށް އިތުރު މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން މަރިއަމް ގާތު ވަނީ ބުނެފަ އެވެ. އޭނާއަށް އެއްވެސް ވަރަކަށް ދޭތެރެ ދުރު ނުކުރެވުނީ އެ ސަބަބާ ހެދި އެވެ.

ޔޫގެންޑާގެ އަންހެނުން އާންމުކޮށް ވަރަށް ގިނަ ކުދިން ވިހަ އެވެ. ކޮންމެ އާއިލާއެއްގައި މަދުވެގެން ފަސް ކުދިން ހަ ކުދިން ތިބެ އެވެ. ނަމަވެސް މަރިއަމްގެ އާއިލާ މިއީ ޔޫގެންޑާގެ އާއިލާތަކަށް ބަލާއިރު ވެސް ރެކޯޑް އަދަދެކެވެ.

މަރިއަމް އުމުރުން 23 އަހަރުވީއިރު އޭނާގެ 25 ކުދިން ތިއްބެވެ. އެ ދުވަސްވަރު ވެސް މަރިއަމް ޑޮކްޓަރުންނަށް އާދޭސްކޮށްފައި ނުވިހާނެ ގޮތެއް ހަދައިދޭން އެދުނެވެ. ނަމަވެސް އޭނާގެ އޯވަރީ ކައުންޓް މަތިކަމުން ދަރިން ވިހެއުން ނޫން ގޮތެއް ނެތް ކަމަށް އޭރު ވެސް ޑޮކްޓަރުން ވަނީ މަރިއަމް ކައިރި ބުނެފަ އެވެ. އެންމެ ފަހުން މީގެ ހަތަރު އަހަރު ކުރިން ވެސް މަރިއަމް ބަލިވެ އިނެވެ. ނަމަވެސް އެ ފަހަރުގެ ބަލިވެ އިނުން ނިމުނީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. އެފަހަރު އޭނާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެ ކުދިންނެވެ. ވިހެއުމުގެ ތެރޭގައި އެއް ކުއްޖަކު މަރުވީ އެވެ.

މަރިއަމްގެ ފިރިމީހާ އަކީ އާއްމުކޮށް ވެސް ދިގު މުއްދަތަކަށް ރަށުން ބޭރުގައި އުޅެމުން އައި މީހެކެވެ. އެ ފަހަރު އޭނާ މަރިއަމް އާއި ދަރިންތައް އަބަދަށްޓަކައި ދޫކޮށްލާފައި ދިޔައީ އެވެ.

މިހާރު މަރިއަމް އާއި އޭނާގެ ދަރިން އެ ފިރިހެންމީހާގެ ނަން ވެސް ކިޔަން ބޭނުމެއް ނުވެ އެވެ. މަރިއަމް ބުނި ގޮތުގައި އޭނާގެ ކުރީގެ ފިރިމީހާ ވަނީ ވަރަށް ގިނަ ވޭންތައް ތަހައްމަލުކުރަން އޭނާއަށް ޖައްސާފަ އެވެ.

"އަހަރެންގެ ހަޔާތުގެ ހުރިހާ ދުވަހެއް ހޭދަވެފައިވަނީ ދަރިން ބެލުމާއި އެ ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ފައިސާ ހޯދުމުގައި،" މަރިއަމް ބުންޏެވެ.

އެންމެ ފަހުން ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވުމަށްފަހު މަރިއަމް ނުވިހާނެ ގޮތް ހަދައިދިނުމަށް ޑޮކްޓަރުން ނިންމި އެވެ. ޔޫގެންޑާގެ ކެމްޕާލާގައި ހުންނަ މުލާގޯ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޗާލްސް ކިގުންޑޫ ވިދާޅުވީ މަރިއަމްގެ ހާލަތަކީ ވަރަށް މަދުން ނޫނީ މީހުންނަށް ދިމާވާ ހާލަތެއް ނޫނެވެ. އޭނާގެ އޯވަރީތައް އަދަޔާޚިލާފަށް ބޮޑު ކަމަށާއި އެއް ފަހަރާ އެތައް ބައިވަރު ބިހެއް އޯވަރީތަކުން ދޫކުރަމުން ދިއުމުގެ ސަބަބުން ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެ އިންނަން މެދުވެރިވާ ކަމަށެވެ.

އެންމެ ފަހުން ޑޮކްޓަރުން މަރިއަމް ވިހެއުން ހުއްޓުވީ އޭނާގެ ރަހިމު އެތެރެއިން ބުރިކޮށްލައިގެން ކަމަށް މަރިއަމް ބުންޏެވެ.
މި އާއިލާގެ ކެއުމަށް ދުވާލަކު 25 ކިލޯ ފުށް ބޭނުންވެ އެވެ. ނަމަވެސް މި ކުދިންނަށް އެއްގަމުމަހާއި ކަނޑުމަސްކޮޅެއް ކާން ލިބެނީ ވަރަށް މަދު ފަހަރަކު އެވެ.

މަރިއަމްގެ ގޭގައި އޭނާ ބޯޑެއް ބަހައްޓާފައި ހުރެ އެވެ. އަދި ކެއްކުމާއި އެއްޗެހި ދޮވުމުގެ ޑިއުޓީތައް އެކި ކުދިންނަށް ބަހާފައި އެ ބޯޑުގައި ލިޔެފައި ހުރެ އެވެ. މި ބޯޑުގައި އެންމެ ޝައުގުވެރިވާ ކަމަކަށް ފެނުނީ "ހޮނިހިރު ދުވަހު އަހަރުމެން އެންމެން ވެސް މަސައްކަތް ކުރާނަމެވެ" ލިޔެފައިވާ މެސެޖެވެ.

ކިތަންމެ ބުރަޔަސް މަރިއަމްގެ އޮތީ އެންމެ އުންމީދެކެވެ. އޭނާގެ ހުރިހާ ދަރިން ވެސް އުފަލުގައި ދިރިއުޅުމެވެ.