ހަބަރު

ޝަހުސް އޮޅުވާލައިގެން އެތެރެވި ދެ މީހަކު ހިފަހައްޓައިފި

Jan 6, 2020
1

ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަން އިން މިއަދު ބުނީ ނަކަލު ކޮށްފައިވާ ރެސިޑެންޓް ކާޑް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ދެ ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.

އެއީ ކޮން ގައުމެއްގެ ދެ މީހުން ކަމެއް އަދި ކޮން ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ކަމެއް އަދި އިތުރު ތަފުސީލެއް ވެސް އިމިގްރޭޝަނުން ދީފައެއް ނުވެ އެވެ. ނަމަވެސް އެ ދެ މީހުންގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް އިމިގްރޭޝަނުން ޓުވީޓްކޮށްފައި ވެއެވެ.

ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ނުވަތަ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެއަށް ބިދޭސީން އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ވެސް އެކި ފަހަރު މަތިން އޮޅުވާލައިގެން އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވާފައިވެ އެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ސަރުކާރާއި އިމިގްރޭޝަން އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.