ހަބަރު

ނަސްރުﷲ އިން ޑިންގީގެ ބައެއް ކަނޑު އަޑިން ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުގައި ގެއްލުނު އޭދަފުށި، މުސްތަރީގެ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން އަޑިއަށް ދިޔަ ޑިންގީގެ ބައިތަކެއް ފެނިއްޖެ އެވެ.

ހާދިސާ ހިނގިތާ ފަސް ދުވަސް ވެގެން ދިޔައިރު ނަސްރުﷲ އާއި ޑިންގީގެ އެއްވެސް ނިޝާނެއް މީގެ ކުރިން އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. ނަސްރުﷲ ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ ލޯންޗުތަކާއި އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ދިޔައީ ހަރަކާތްތެރި ވަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ނަސްރުﷲ އިން ޑިންގީގެ ބައެއް ބައިތައް ހާދިސާ ހިނގިސަރަހައްދުން މިއަދު ޑައިވް ކުރި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި އެ ޑިންގީގެ އިންޖީނުގެ މަތިގަނޑު ވެސް ފެނިފައިވާ ކަމަށެވެ. އެކަމަކު ނަސްރުﷲ ގެ އެއްވެސް ނިޝާނެއް މިހާތަނަކަށް ނުފެނެ އެވެ.

އޭގެ އިރުކޮޅެއް ފަހުން އާޒިމް ވިދާޅުވީ ދޮންފަނާއި އަނގަފަރު ފަޅާ ދެމެދުގެ ކަނޑުގެ ސަރަހައްދުން 40 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު އިންޖީނުގެ މަތިގަނޑަކީ ޑިންގީއަށް ނިސްބަތްވާ ތަކެތިތޯ ބަލަމުންދާ ކަމަށެވެ.

ލޯންޗާއި ޑިންގީ ޖެހި އެކްސިޑެންޓް ހިނގީ ބ. ދޮންފަނާއި އެ ރަށް ކައިރީ އޮންނަ އަނގަފަރު ފަޅާ ދެމެދުގެ ސަރަހައްދެއްގަ އެވެ. މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމުގައިވާ މުހައްމަދު ނަޒީފާއި އަބްދުއް ސަމީއު އެވެ. އެ ދެ މީހުނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.

މި ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ ލޯންޗު ދުއްވަން އިން ކައްޕި، އޭދަފުށި ޝަބްނަމްގެ މުހައްމަދު މުސްތަފާ އެވެ. އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލާއި ދިމާއިން ތިރީގެ ކަށިތައް މުގުރި ދުޅަވެފައި ވެއެވެ. މޫނުމަތި ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު ދުލުމުގެ ނާރުތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ. އޭނާގެ މޫނުގެ އޮޕަރޭޝަނެއް ކުރަން އިއްޔެ ތައްޔާރުވި އެވެ. އެކަމަކު އޮޕަރޭޝަން ކުރިއަށް ދިޔަ ކަމެއް އަދި ނޭނގެ އެވެ.