ދުނިޔެ

ޔޫކްރޭންގެ މަތިންދާބޯޓް ވެއްޓި 170 ވުރެގިނަ މަރު

Jan 8, 2020

އިރާންގެ މައި އެއާޕޯޓުން ނައްޓާލި ޔޫކްރޭންގެ ގައުމީ އެއާލައިންގެ މަތިންދާބޯޓެއް ވެއްޓި، ބޯޓްގައި ތިބި 176 މިހޫން މަރުވެއްޖެ އެވެ.

އިރާންގެ ވެރިރަށް ތެހެރާންގެ އިމާމް ހުމައިނީ އިންޓަނޭޝަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ ބޯޓު ވެއްޓުނީ އިންޖީނުގައި ރޯވެގެންނެވެ. އިރާންގެ ރޯޑް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޕޯކްމަން ބިނާޒް ގާސިމް ވިދާޅުވީ، އިންޖިޏުގައި އަލިފާން ރޯވި ވަގުތު ޕައިލެޓަށް ބޯޓްގެ ކޮންޓްރޯލް ދޫވެ ބޯޓް ވެއްޓުނީ ކަމަށެވެ.

ބޯޓްގައި ތިބީ، ނުވަ ކުރޫ މެންބަރުންގެ އިތުރުން 167 ފަސިންޖަރުންނެވެ.
އެއީ އެކި ގައުމތަކަށް ނިސްބަތްވާ ފަރާތްތަކެވެ. ބިނާޒް ވިދާޅުވީ ތެހެރާންގެ އެއާޕޯޓުން ފުރައިގެން ބޯޓް ދިއުމަށް ހަމަޖެހިފައި އޮތީ ޔޫކްރޭންގެ ކިއޭވްގެ އެއާޕޯޓަށް ކަމަށެވެ.

މަތިންދާބޯޓްތަކުގެ ޑޭޓާ ހިމެނޭ ވެބްސައިޓެއް ކަމަށްވާ ފްލައިޓް ރާޑާ 24 ގައި ވާގޮތުން ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓް ޔޫކްރޭނިއަން 737-800 ފްލައިޓް ތެހެރާންގެ އެއާޕޯޓުން ނައްޓާލި އެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން އެ ބޯޓުގެ މައުލޫމާތު ލިބުން ހުއްޓުނެވެ.