ކުރިން އެކުލަވާލާފައި އޮންނަ ގަވާއިދަށް އަމަލު ކުރާނަމަ، ލީގްގެ ވަކި ހިސާބަކުން ދެން އަމަލު ކުރާނީ ކިހިނެއްތޯ ބަލަން މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށް ކުލަބު ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ލީގްގެ ތިން ވަނަ ބުރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކުލަބުތަކުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. ކުލަބުތަކުން މަޝްވަރާ ކުރަނީ ތިން ވަނަ ބުރުގައި ވާދަ ކުރާނީ ކިތައް ޓީމުތޯ ކަނޑައެޅުމުގެ ބަހުސެވެ.
ކުލަބުތައް މަޝްވަރާއަށް ދާތީ އެކަމާ ބެހޭ ގޮތުން، ރޭގެ ޕޯސްޓް މެޗު ޕްރެސްގައި ސުވާލު ކުރުމުން ސުޒޭން ބުނީ، މުބާރާތުގެ ކުރިން އެކުލަވައިލާ ގަވާއިދުގައި ވަކި ގޮތަކަށް ލިޔެވިފައި އޮންނައިރު އެ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި ލީގްގެ މެދަކާ ހަމައިން އެކަން ބަދަލު ކުރަން މަޝްވަރާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ޕްރިމިއާ ލީގްގައި އޮވޭތަ ތިން ވަނަ ބުރު ކުޅޭނެތޯ، ހަތަރު ވަނަ މެޗަށް ދާނެތޯ. 90 މިނެޓްތޯ ކުޅޭނީ، މަޝްވަރާ ކުރުން އޮވޭބާ،" ސުވާލު އުފައްދައި ސުޒޭން ވާހަކަ ދެއްކި އެވެ. "ގަވާއިދެއް ނެރެފަ އެ ގަވާއިދަށް މުބާރާތެއް ކުޅޭ ކަމަށް ވަންޏާ އެ ގަވާއިދުގައި އޮތް އެއްޗެެއް ފޮލޯ ކޮށްލުން ރަނގަޅުވާނެ."
ތިން ވަނަ ބުރުގައި ކުޅެން އޮންނަ އަށް ކުލަބުތެރެއިން ދެ ކުލަބުން ނުކުޅޭނެ ކަމަށް ބުނާނަމަ، ވިކްޓަރީން މެޗުތަކަށް ހާޒިރު ނުވުމުން އެހެން ކުލަބުތައް މެޗުތަކުން މޮޅުވި ކަމަށް ކަނޑައަޅާ އުސޫލުން ތިން ވަނަ ބުރު ނުކުޅޭނެ ކަމަށް ބުނާ ޓީމުތަކާ ދެކޮޅަށް އެ ފިޔަވަޅު އެޅިދާނެ ކަމަށް ސުޒޭން ބުންޏެވެ.
އޭނާ ބުނީ، މުބާރާތުގައި ވާދަ ކުރާ ޓީމެއް މާލީ ގޮތުން ދަށްވުމަކުން ލީގްގައި ކުރިން އޮތް ގަވާއިދަށް ބަދަލު ގެންނަން މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށެވެ.
"އަދި ގަބޫލެއް ނުކުރަން އަށް ޓީމަށްވުރެ ކުޑަ ވެދާނެ ކަމަކަށް، އެހެން ނަމަވެސް ޕްރިމިއާ ލީގް ކިޔާފައި އެގޮތަށް ހަދައިފިއްޔާ [ސުވާލު ކުރަން ޖެހޭ] ކީއްހޭ މި ކުރަނީ،" ސުޒޭން ވާހަކަ ދެއްކި އެވެ. "އެއީ ގަވާއިދު ނެރުނުއިރު މިސާލަކަށް އަށް ޓީމު ޖަހާފައި އޮތިއްޔާ އަށް ޓީމު ކުޅެން ވާނެ، އަދި އަނެއް ޓީމަށް ދިމާވާ ކަމަކުން ނުވަތަ މާލީ ގޮތުން ދަށް ވުމަކުން ލީގްގެ ތިން ވަނަ ބުރު ހަ ޓީމަށް ހަދާކަށް ނުޖެހޭނެ."
ލީގްގެ ނަމުގެ ކުރިއަށް ޕްރިމިއާ ކިޔާ ކަމަށް ވަންޏާ، އެ ލީގްގެ ޕްރީމިއަމް ކޮލިޓީ ދެމެހެއްޓުމަށް އެފްއޭއެމް އާއި ކުލަބުތަކުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ގަވާއިދުގައި ވަކި ގޮތަށް އޮއްވައި ލީގްގެ ވަކި ހިސާބަކުން އެހެން ގޮތެއް ކަނޑައަޅަން މަޝްވަރާ ކުރާނަމަ ލީގްގައި އެއްވެސް ކޮލިޓީއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"މި ދައްކަނީ ހަަމއެކަނި އެފްއޭއެމްގެ ވާހަކައެއް ނޫން، މީގައި ކުލަބުތަކުންވެސް އެތިބީ އެ ނުކުޅޭ ގޮތަށް،" ސުޒޭން ބުންޏެވެ. "އޭގެ މަނާއަކީ ކުޅެން ބޭނުން ނުވާ ކުލަބުތަކުންވެސް ލީގަށް ތައްޔާރެއް ނޫނޭ އަސްލުގައި، ގަވާއިދެއް އޮތިއްޔާ ޖެހޭނެ އެ ގަވާއިދުގައި އޮތް ގޮތަށް މެޗުތައް ހަމަ ކުރަން."
އޭނާ ބުނީ، މިއަދު ބާއްވާ ބައްދަލު ވުމުގައި އޭނާގެ ކުލަބު ގްރީން ސްޓްރީޓްގެ މެނޭޖުމެންޓުން ނިންމާނެ ގޮތެއް ނޭންގޭ ކަމަށާއި ފުޓްބޯޅައަށް ލޯބި ކުރާ މީހެއްގެ ހައިސިއްޔަތުން އޭނާ އެދެނީ ގަވާއިދުގައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"ފުޓްބޯޅައިގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިޔާލު، އެގޮތަށް ކުއްލިކުއްލިއަށް ބަދަލު ކުރެވޭބާއޭ ނުވަތަ އެގޮތަށް ކުރާގޮތަށް އޮންނަ އެއްޗެއްބާއޭ، ދެ ވަނަ ބުރު ނިންމާލަފަ ޕްރިމިއާ ލީގް ޗެމްޕިއަނުންނަކީ ކޮންބައެއްތޯ ބަލަން މީޓިން އެއް، އެހެން ހީނުވޭ އޮންނާނެ ހެނެއް، އަދިވެސް ގަބޫލެއް ނުކުރަން އެފްއޭއެމުން އަށް ޓީމަށްވުރެ ކުޑަ ކުރާނެ ކަމަކަށް."