ދިވެހި ސިނަމާ

"ކޮސް ގިނަ މިސްޓޭކް" ޝަފީގް ގަނެފި

ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދަން ފަށާފައިވާ "ކޮސް ގިނަ މިސްޓޭކް" ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އިސްމާއީލް ޝަފީގް ގަނެފި އެވެ.

މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ވީމީޑިއާއިން ވަނީ އެ ސްޓޭޝަންގެ ދެވަނަ ފީޗާ ފިލްމް "ކޮސް ގިނަ މިސްޓޭކް" ޝަފީގަށް ވިއްކާލާ މިއަދު އެއްބަސްވުން ބަދަލުކޮށްފައެވެ. "ކޮސް ގިނަ މިސްޓޭކް" ގެ ބޮޑު ބައެއް ޝޫޓްކޮށް ނިންމާފައިވާއިރު، އޭރު ޝަފީގަކީ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެވެ.

ހެއްވާ މަޖާ ގިނަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ޝަފީގް މިއަދު އަވަސްއަށް ބުނީ "ކޮސް ގިނަ މިސްޓޭކް" މިއަހަރުގެ ތެރޭގައި ސްކްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަންނަ ހަފްތާގައި ވަކި ތާރީހެއް އިއުލާނު ކުރާނަން. އަހަރެން ފިލްމު 'ގަތް'އިރު ވަރަށް މަދު މަންޒަރެއް ނޫނީ ވަނީ ނަގާ ނިންމާފައި." ޝަފީގް ބުންޏެވެ.

މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވާ "ކޮސް ގިނަ މިސްޓޭކް" އަކީ ކުޅަދާނަ ފިލްމީ ތަރި ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުގައި ޔޫއްޕެގެ އިތުރުން ސީޒަން، އައްޒަ، ނުޒޫ، ފުބޫ، ނިމާލް، އާނަންދު، ސައީދު، ހާމިދު އަލީ އަދި ދޮން އައްޔަވެސް ފެނިގެންދާނެ އެވެ.