ދުނިޔެ

ޔޫކްރޭންގެ ބޯޓް ވައްޓާލި ކަމަށް އިރާނުން އެއްބަސްވެއްޖެ

މިދިޔަ ބުދަ ދުވަހު އިރާންގެ ވެރިރަށް ތެހެރާންގެ އެއާޕޯޓުން ނައްޓާލި ތަނުން ވެއްޓުނު ޔޫކްރޭންގެ ގައުމީ އެއާލައިން ވައްޓާލި ކަމަށް އިރާންގެ އަސްކަރިއްޔާއިން އެއްބަސް ވެއްޖެ އެވެ.

ބުދަ ދުވަހުގެ ހެނދުނު، ބޯޓް ވެއްޓި 176 މީހުން މަރުވި ހާދިސާގެ ޚަބަރު ފެތުރިގެން ދިއުމުގެ ކުރިން ދުނިޔޭގެ މީޑިއާގައި ކެކެމުން ދިޔައީ އެ ދުވަހުގެ ފަތިހު އިރާންގެ އަސްކަރިއްޔާއިން، އިރާގްގެ އަންބާރު ޕްރޮވިންސްގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރޮކެޓް ހަމަލާތަކެއް ދިން ޚަބަރެވެ.

އިރާންގެ ރޯޑް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން އެ ދުވަހު ބުނީ ބޯޓް ވެއްޓުނީ އިންޖީނުގައި ރޯވެގެން ޕައިލެޓަށް ބޯޓްގެ ކޮންޓްރޯލް ގެއްލުމުން ކަމަށެވެ. އެހެންނަމަވެސް އިރާންގެ އަސްކަރިޔްޔާގެ ޖެނަރަލް ސްޓްފުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޯޓް ވެއްޓުނީ އޮޅުމަކުން އިރާންގެ އަސްކަރިއްޔާއިން ދެވުނު ހަމަލާއެއްގެ ސަބަބުން ކަމަށެވެ.

އިރާންގެ ސަރުކާރުން ހަރަދުކޮށްގެން ހިންގާ ޕްރެސް ޓީވީން ބުނެފައި ވަނީ ބޯޓް އުދުހެމުން ދިޔައީ އިރާންގެ އަސްކަރިއްޔާގެ ހައްސާސް ސައިޓަކާ ދިމާލުން ކަމަށާއި ބޯޓް ވައްޓާލީ އެމެރިކާގެ އަސްކަރިއްޔާގެ ކަމެއްކަމަށް ވެދާނެތީ އިތުރު ރިސްކެއް ނެގެން ނެގެން ނެތުމުން ކަމަށެވެ.

ޔޫކްރޭންގެ ވެރިރަށް ކިއޭވް އަށް ދަތުރު ކުރަމުން ދިޔަ އެ ބޯޓްގައި ގިނައިން ތިބީ އިރާންގެ ރައްޔިތުންނެވެ. ދެން ހިމެނެނީ ޔޫކްރޭން އާއި ކެނަޑާގެ ރައްޔިތުންނެވެ.

"އިރާނުން ވަރަށް ބޮޑަށް ހިތާމަ ކުރަން އޮޅިގެން ކުރެވުނު ކަމުގެ ސަބަބުން މި ލިބުނު ގެއްލުމަށް،" އިރާންގެ ރައީސް ހަސަން ރޫހާނީ ޓްވިޓާގައި ލިޔުއްވާފައި ވެއެވެ. "އަހަރެންގެ ހެޔޮ ދުއާ އާއި ހަމްދަރުދީ ވަނީ މި ހާދިސާގެ ސަބަބުން ހިތާމައިގައި ތިބި އާއިލާތަކަށް، އަހަރެމެން ވަރަށް ބޮޑަށް އެކަމާ މާފަށް އެދެން."

އިރާންގެ ހާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ އެއީ އެރި އޮޅުމަކުން މެދުވެރިވި ކަމެއް ކަމަށެވެ.