ހަބަރު

ދަރިވަރުންނަށް ހިތްވަރު ދެއްވަން މިނިސްޓަރުން 19 އަތޮޅަކަށް

Jan 12, 2020
2

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ހިތްވަރު ދީ މަރުހަބާ ކިޔުމުގެ ގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން 19 އަތޮޅަކަށް މިއަދު ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ދަރިވަރުންނަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ބޭއްވި އެސެމްބްލީތަކުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ދަރިވަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުން ސަމާލުކަން ދޭންވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވައިލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި އެންމެ މުހިންމު އެއް ބައެއް ކަމަށްވާ ހުރިހާ ކުދިން ޝާމިލު ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރެއިން އިސްލާމީ އަގީދާ ކުރިއެރުވުމަށާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރުން އަޅުވައިލައްވާނެ،" އެޑިއުކޭޝަން މިނިސްޓްރީން ބުންނެވެ.

ބޮޑު ޗުއްޓީއަށް ފަހު މިއަދު ކިޔަވަން ފަށާފައި ވަނީ އިންޓަނޭޝަނަލް ސްކޫލުތަކާއި ސަރުކާރު ސްކޫލުތައް ހިމެނޭ ގޮތައް 83،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުގަ އެވެ.