ވިޔަފާރި

ބީއެމްއެލްގެ މުހިންމު ދެ މަގާމަކަށް ދެ ބޭފުޅަކު އައްޔަން ކޮށްފި

Jan 12, 2020
5

ބޭންކް އޮފް މޯލްޑިވްސް އާއި ބީއެމްއެލް އިސްލާމިކްގެ މުހިންމު ދެ މަގާމަށް، ބޭފުޅަކު އައްޔަން ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ، އާ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގެ ޑައިރެކްޓަރުގެ މަގާމަށް ސުރީ ހާނިމް މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ.

ބީއެލްއެލްއާ ގުޅިވަޑައިގަތް ގެރީ ކުރިން ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަންގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގަ އެވެ. ގެރީއަކީ ބޭންކިން އަދި ރިސްކް މެނޭޖްމަންޓް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތާއި ދެކުނު އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފަ އެވެ.

ސުރީ: އިސްލާމިކް ބޭންކިންގެ ތަޖުރިބާކާރެއް

ބީއެމްއެލް އިސްލާމިކްގެ ބޭން،ކިން ޑައިރެކްޓަރުގެ މަގާމަށް ހަވާލުވެވަޑައިގަތް، ސުރީއަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމް ތަކެއް ފުރުއްވާ 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތު މަސައްކަތްކު ރައްވާފަ އެވެ. އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމާއި އެގްޒެކްޓިވް ޑިރެކްޓަރު ގެ މަގާމް ވެސް ފުރުއްވާފައި ވެއެވެ.

އާ ދެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމާ ބެހޭ ގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ދެ މަގާމުގެ ސަބަބުން ބޭންކުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއް ދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ. މި އަހަރު ތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލް އަޤްވާމީ ތަޖްރިބާ އާއެކު ކުރި އަރަމުންދާ އިސްލާމިކް ބޭންކިން ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީ އަށް އެދެން،" ސޯޔާ ވިދާޅުވި އެވެ.

މި އަހަރު ތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލް އަޤްވާމީ ތަޖްރިބާ އާއެކު ކުރި އަރަމުންދާ އިސްލާމިކް ބޭންކިން ޚިދުމަތް އިތުރު ހަރުފަތަކަށް ދިއުން
ބީއެމްއެލްގެ ސީއީއޯ| ޓިމް ސޯޔާ

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލު ތަކެއް ވަނީ ގެނެސްފަ އެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ހިދުމަތްތައް ފާހަގަ ކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވަ އެވެ.