ހަބަރު

ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަވެއްޖެ: އެޑިއުކޭޝަން

ދިރާސީ އާ އަހަރު ފެށުން އިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުން ހަމަވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރަށް ވެފައި ހުރި ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވި އިރު ޓީޗަރުން ހަމަވެފައިވާ ކަމަށާއި ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ.

"2020 ވަނަ އަހަރު ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން މިހާރު ވާނީ ހަމަވެފަ. އަދި ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ބޭނުންވާ އަދަދަށް ފޮނުވާފައި ހުރި ރިކުއެސްޓް ތަކަށް އެ އަދަދަށްވެސް ހުރިހާ ސްކޫލަކަށް ބިދޭސީ ޓީޗަރުން ވަނީ ހަމަވެފައި،"

އޭނާ ވިދާޅުވީ ސްކޫލްތަކަށް ބިދޭސީ ޓީޗަރުންގެ ގޮތުގައި 251 ޓީޗަރުން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށާއި އޭގެ ތެރެއިން ގުރުއާން މާއްދާގެ ހަ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް މި އަހަރު ފެށުމުގެ ކުރިން ޓީޗަރުން ހަމަ ކުރެވުނު ކަމަށެވެ. އަދި އެ ހަ މަގާމަށް ވެސް ލިބުނު އަދަދުން ރަށްރަށަށް މިހާރު ވަނީ ފޮނުވާފައި ކަމަށާއި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ބިދޭސީ ޓީޗަރުން ގެނައުމުގައި ދަތިތަކެއް ދިމާވެ ސްކޫލްތަކުގެ ކިޔެވުން ފެށޭ އިރުވެސް ޓީޗަރުން ހަމަ ނުވާ މައްސަލަ ދިމާވި ނަމަވެސް މިއަހަރު ވަރަށް ކާމިޔާބު ކަމާއެކު އެ ކަންކަން ހާސިލްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ އަރަބިއްޔާ ސްކޫލުގައި ކިޔަވައިދޭން ޓީޗަރުން ހަމަނުވެ ސްކޫލުގެ އިމްތިހާން ކަައިރިވެފައި ވަނިކޮށް ބެލެނިވެރިންގެ ޝަކުވާތައް ފެންމަތިވެ މިދިޔަ އަހަރު އެ މައްސަލަ އެޑިއުކޭޝަން މިނިސްްޓްރީން ބެލި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން މިއަދު ފެށީ ޓީޗަރުން ހަމަ ކޮށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ވެސް ހަމަކޮށްގެން ކަމަށެވެ.

"އަރަބިއްޔާ ސްކޫލަކީ އަޅުގަނޑުމެންގެ [މިނިސްޓްރީގެ] ސަކްސެސް ސްޓޯރީ އެއް" މިނިސްޓަރު ވިދާޅުވި އެވެ.