ހަބަރު

ފެރިދޫގެ ގެއަކަށް ގްރޫޕަކުން ވަދެ މީހަކަށް ހަމަލާދީފި

އއ. ފެރިދޫގައި ހަ މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދީ، އޭނާ ދިރިއުޅޭ ގެއަށް ގެއްލުން ދީފި އެވެ.

ފުލުހުން މިއަދު ބުނީ ފެރިދޫގައި އެކަން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 12:40 ހާއިރު ކަމަށާއި އެ ގޮތުން ހަ މީހުންގެ ގްރޫޕަކުން ގެއަށް ވަދެ ހަމަލާދީފައި ވަނީ 32 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އެ މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ބޮލުން ދެ ތަނެއް ފަޅާލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ވާތު އަތުގެ އުޅަބޮށި ކަފައިގެން ގޮސްފައިވާ ކަމަށާއި ވާތު ކޮނޑުމަތިން ތަންކޮޅެއް ހަލާކުވެ ކަނާތު ލޯ ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ފެލިދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ މީހާ ދިރިއުޅޭ ގެއަށް އެ މީހުން ވަދެ ގެއްލުން ދީފައިވާއިރު ކުޑަ ދޮރުގެ ބިއްލޫރި ތަޅާލައި، ބަދިގޭގެ ބައެއް ސާމާނު ވެސް ހަލާކުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.