ހަބަރު

ކަޅުވަކަރު މިސްކިތް ރޭވުމުގެ ހުރިހާ ކަމެއް މާދަމާއަށް ނިމޭނެ

ކަޅުވަކަރު މިސްކިތް ރޭވުމުގެ ހުރިހާ މަސައްކަތް މާދަމާއަށް ނިމޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތާއި ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް ވިދާޅުވީ ކަޅުވަކަރު މިސްކިތުގެ ގެއްލުން ލިބިފައިހުރި ގާތަށް ހަދައި، މާދަމާ މިސްކިތް އެއްކޮށް ރާވާ ނިމޭނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ސަލްޓަންޕާކުން މިސްކިތް ނެގުމުން މިސްކިތުގެ ގާތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގާތަކުގެ ޑިޒައިނަށް ބަލާ އެގޮތަށް ހިރިގަލުގައި ޑިޒައިންކޮށް މިސްކިތް ރޭވުމުގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިސްކިތުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިސްކިތުގެ ބައެއް ތަންތަން އެބުހުރި ހަލާކުވެފަ. އެތަންތަން މިސްކިތުގެ އެހެން ގާތަކުގަ ހުރި ޑިޒައިނަށް ބަލާފަ ހިރިގަލުގަ ހަމަ އެގޮތަށް ކުރަހާފަ މިސްކިތް ރޭވި އިރުގަ ބޭނުން ކޮށްފަ ހުންނާނެ. މިސްކިތުގެ ސްޓްރަކްޗާ އަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ. ދެން އަނެއް ހެން ބަދަލެއްގެ ގޮތުން ފެންނާނީ މިސްކިތުގެ ބޭރުން ލާފަ އިން ފެންޑާ. އެއީ މިސްކިތާ ގުޅުންހުރި އެއްޗެއް ނޫން." އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިހާރު އެ މިސްކިތުގައި ލަކުޑީގެ ގޮތުގައި ބޭނުން ކޮށްފައިހުންނާނީ ހައިވަކަރާއި ކަޅު ވަކަރު ކަމަށެވެ. އަދި ހައި ވަކަރު ބޭނުންކޮށްފައިވާނީ ކުރިން ކަޅުވަކަރުން ހަދާފައި ހުރި ތަންތަން އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ކަމަށެވެ.

މިސްކިތު ގޯތި ތެރޭގައި މީގެ ކުރިން ވުޟޫ ކުރުމަށް ބޭނުންކުރި ވަޅު މިހާރު މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުމުން ހުންނާނެ ކަމަށެވެ. ވަޅު އަދި ބެހެއްޓިފައި ނުވަނީ މިސްކިތް ރޭވުމަށް ހަދާފައި ހުރި ހަރުގެއަށް ވަޅު ފައްތަން ކޮނުމުން ލޮޅުން އަރާނެތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހަރުގެ ރޫޅާލުމާއެކީ ވަޅު ބެހެއްޓުމުގެ މަސައްކަތް ފަށާނެއެވެ.

ތޯރިގް ވިދާޅުވީ ކަޅުވަރު މިސްކިތުގެ މަސައްކަތުގެ ސްޕީޑް ލަސް ނޫން ކަމަށެވެ. އަދި މި މިސްކިތް ރާވަން ދިޔަ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.

ކަޅުވަރު މިސްކިތް ރާވާ ނިމުނަސް އެ މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީހެއް އަދި ކަނޑަނާޅައެވެ.

މާލޭގައި ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތްހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 2.9 މިލިއަން ރުފިޔާ އަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުންވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ.