ޝިދާތާ ޝަރީފު

މާލީ އެހީތެރިކަމުގެ ހެޔޮ އަސަރު ދެނެގަނެވިފައެއް ނުވޭ: ޝިދާތާ

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީތެރިކަމުގެ ސަބަބުން ފަރުދީ ގޮތުންނާއި، ޖަމައީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު މިހާތަނަށްވެސް ދެނެގަނެވިފައިނުވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެންސްޕާއިން ކުރިއަށް ގެންދާ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްދާ މި ވޯކްޝޮޕް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ޝިދާތާ ވިދާޅުވީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީތެރިކަމުގެ ޕްރަގްރާމް 2010 ވަނަ ފަށާފައިވީނަމަވެސް ފަރުދީ ގޮތުންނާއި، ޖަމައީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު މިހާތަނަށްވެސް ދެނެގަނެވިފައިނުވާ ކަމަށެވެ.

އެހެން ކަމުން ޔުނެސްކޯ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޑިވޮލޮޕްމަންޓް ޕާތުވޭ ފަރާތުން ކުރިއަށް ގެންދާ "އިވެލުއޭޝަން" މަސައްކަތުގެ ސަބަބުން އެ އެހީތައް އޭގެ ހައްގުވެރިންނަށް ފޯރާ މިންވަރާއި، އެހީތަކުގެ ސަބަބުން އެހީގެ ހައްގުވެރިންނަށް ކުރާ ފައިސާތަކާއި، ގެންނަންޖެހޭ ބަދަލުުތައް ދެނެގަނެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިސާ މުޖްތަމައުއަށް ލިބެމުންދާ ކަމަށާ ނަމަވެސް އެހީ ހައްގުވާ ބައެއް އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ތެރެެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މައުލޫމާތު ފުރިހަމައަށް ފޯރާފައިނުވުމުގެ އިތުރުން، ހައްގުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށެވެ.

"އެހެން ކަމުން އެ ނިޒާމު ގަވާއިދުން މުތާލިއާކޮށް، ހައްގުވެރިންނަށް އެހީ ކަށަވަރު ކުުރުމުގެ ގޮތުން މިނިޓަރުކުރަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އިޖްތިމާއީ ރައްކާތެރިކަމަށް 3.9 ބިލިއަން ރުފިޔާ ހާއްސަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ހާއްސަ ކުރެވިފައިވަނީ ބޭސްފަރުވާއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް 1.3 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، އިޖްތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެން މަސައްކަތްތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ހާއްސަ ކުރެވިފައެވެ.