ހަބަރު

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނީ 361 މިލިއަން ރުފިޔާ

Jan 16, 2020

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 361 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 10 ޕަސެންޓް އިތުރު އަދެދެކެވެ. އެ އަހަރުގެ ޑިސެމްބަރު މަހު ލިބުނީ 329 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުން ލިބިފައި ވަނީ 4.4 ބިލިއަން ރުފިޔާ އެވެ. އެއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އެ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓް ކުރީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް އެކްސްޕޯޓް ކޮށްފައި ވަނީ 426 މިލިއަން ރުފިޔާ ކަމަށާއި އެއީ 2018 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓް ކުރީ 526 މިލިއަން ރުފިޔާގެ މުދަލެވެ.