ޖިންސީ ގޯނާ

ކުޑަކުއްޖާ އާއިލާއިން ވަކިކޮށް، ޖެންޑާގެ ދަށައް

ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ އާއިލާގެ ތިން މީހަކު ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ކުޑަކުއްޖާ އާއިލާއިން ވަކިކޮށް، ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެކުނު ރަށަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކު މިހާތަނަށް ކުރެވުނު މަސައްކަތުން އެއީ ޖިންސީ އަނިޔާގެ މައްސަލައެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އެ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މަޝްވަރާކޮށް ކުޑަކުއްޖާ އާއިލާއިން ވަކިކޮށް، ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފަޅާ އެރީ އެ ކުއްޖާ އެ ވާހަކަ އޭނާގެ ބޮޑުދައިތަ ކައިިރީގައި ބުނުމުންނެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަަމަށް އެ ރަށުގެ ސިއްހީ މަރުކަޒުގެ ޑޮކްޓަރާ ހަވާލާދީ އާއިލާގެ މެންބަރަކު ވަނީ ބުނެފައެވެ.

"ކުއްޖާގެ މަންމަ ރަށުގައި ނެތީސް މިކަމެއް ހިނގީ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުނީ ތަދުވާ ވަރުން އެ ކުއްޖާ އޭނާގެ ބޮޑުދައިތައެއް ކައިރީގައި އެ ވާހަކަ ބުނުމުން. ދެން ސިއްހީ މަރުކަޒަށް ގެންގޮސް ދެއްކުމުން އެނގުނީ އެ ކުއްޖާފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާކަން. މިހާރު ކުއްޖާވީ މާލޭގައި." އެ ކުއްޖާ ނިސްބަތްވާ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

ކުޑަކުއްޖާއަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަންހެން ކުއްޖާއަށް ޖިންސީ ފުރައްސާރަކުރި ތިން މީހުންގެ ފޮޓޯވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރެއިން އެކަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކުއްޖާގެ ކާފަ ކަމަށް ވެއެވެ.