ޖިންސީ ގޯނާ

ކުޑަކުއްްޖާގެ ބައްޕަ ހައްޔަރުކޮށް، ދޫނިދޫއަށް

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުުމުރުން 33 އަަހަރުގެ ފިރިހެނަކު، ހުޅުމާލޭ ފުލެޓް ނަންބަރު 108 ގައި ހުއްޓާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ފެށުމާއެކު ކުއްޖާގެ ބައްޕަ ވަނީ ފިލާފައެވެ. ނަމަވެސް މިއަދު ހަވީރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުޅުމާލެ ޗައިނާ ފްލެޓް 108 ގައި އޭނާ ފިލައިގެން އުޅޭ ކަމަށް ބުނެ އެ ސަރަހައްދަށް އެއްވެފައެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ވަރަށް ގިނަ ވަގުތުތަކެއް ވަންދެން އެ ސަރަހައްދުގައި ތިބުމަށްފަހުއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ތިބީ ކޯޓް އަމުރެއް ލިބެންދެނެވެ.

ފުލުހުން މިއަދު ވަނީ ކުޑަކުއްޖާ ނިސްބަތްވާ ރަށުން 62 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކުޑަކުއްޖާގެ ކާފައާއި މުނިކާފައެވެ.

އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

"ކުއްޖާގެ މަންމަ ރަށުގައި ނެތީސް މިކަމެއް ހިނގީ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުނީ ތަދުވާ ވަރުން އެ ކުއްޖާ އޭނާގެ ބޮޑުދައިތައެއް ކައިރީގައި އެ ވާހަކަ ބުނުމުން. ދެން ސިއްހީ މަރުކަޒަށް ގެންގޮސް ދެއްކުމުން އެނގުނީ އެ ކުއްޖާފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާކަން. މިހާރު ކުއްޖާވީ މާލޭގައި." ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

ރަށުގެ މީހުން ބުނާގޮތުން އެ ކުއްޖާގެ މަންމައާއި ބައްޕައަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ފަރާތުން އެ ދަރިފުޅަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފައަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.

"އެއްވެސް ފިޔަވަޅެއްވެސް ނޭޅޭ. ހަމަ ބޭނުން ގޮތަކަށް ރަށުތެރޭގައި އެ އުޅެނީ. ލަދެއް ހަޔާތެއްވެސް ނެތް."