މެލޭޝިޔާ

ހިލޭ ނާސްތާ ދޭނީ ހައްގުވާ ދަރިވަރުންނަށް: މަހާތީރު

ހުރިހާ ދަރިވަރުންނަށް ހިލޭ ނާސްތާ ޕްރޮގްރާމް ހިންގަން ތާއީދު ނުކުރައްވާ ކަމަށް، މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، މަސްޒްލީ މާލިކް، މިދިޔަ އަހަރު އޮކްޓޯބަރު މަހު ނިންމާފައި ވަނީ މި އަހަރުން ފެށިގެން ޕްރައިމެރީ ގުރޭޑްތަކުގެ ހުރިހާ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިލޭ ނާސްތާ ޕްރްގާރާމް ކުރިއަށް ގެންދާށެވެ.

މަސްޒްލީ މާލިކް، މި މަހު ކުރީކޮޅު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުން އެކްޓިން މިނިސްޓަރުގެ ދައުރު އަދާ ކުރައްވަނީ މަހާތީރެވެ. މަސްޒްލީ މާލިކް އިއުްލާން ކުރެއްވި ނާސްތާ ޕްރޮގްރާމް މި އަންނަ ހޯމަ ދުވަހުން ފެށިގެން ތަންފީޒު ކުރުމަށް ކުރިން އޮތީ ހަމަޖައްސާފަ އެވެ. ޕްރައިމަރީ ގުރޭޑްގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިނުމުގެ ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައި ވަނީ 100 ސްކޫލަށް އަމާޒު ކޮށްގެންނެވެ. އަންދާޒާ ކުރެވޭ ގޮތުގައި އެއީ 37000 ދަރިވަރުންނަށެވެ. އަދި އެކަމަށް 22 މިލިއަން ރިންގިޓް (ގާތްގަނޑަކަށް ފަސް މިލިއަން އެމެރިކާ ޑޮލަރު) ހޭދަ ވާނެ ކަމަށްވެސް އަންދާޒާ ކުރެވިފައި ވެއެވެ.

މެލޭޝިއާގައި މިހާރުވެސް ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ، ތަނަވަސްކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށެވެ. މަހާތީރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް އިތުރު ބަދަލެއް ނުގެނެސް މިހާރު ވެސް ކުރިއަށް ގެންދާ ގޮތަށް ކުރިއަށް ގެންދަން ތާއީދު ކުރައްވާ ކަމަށެވެ.

"މިހާރުވެސް އަމަލު ކުރަމުންދާ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާނަން، އެހެން ނަމަވެސް އެ ޕްރޮގްރާމް އަމާޒު ކުރަނީ ތަނަވަސްކަން ނެތް ދަރިވަރުންނަށް،" މަހާތީރު ވިދާޅުވި އެވެ. "ތަނަވަސްކަން ލިބިފައިވާ އާއިލާތަކުގެ ދަރިވަރުންނަށް އަދި ގޭގައި ވެސް ނާސްތާ ފޯރުކޮށް ދިނުމުގެ ގާބިލުކަން ހުރި އާއިލާތަކުގެ ދަރިވަރުންނަށް ވެސް ހިލޭ ނާސްތާ ލިބެންޏާ އެއީ އިންސާފެއް ނޫން."

އޭނާ ވިދާޅުވީ، މިހާރު ކުރިއަށްދާ ޕްރޮގްރާމް އެގޮތުގައި ބޭއްވުމުގެ އިތުރަށް ކޮންމެހެން ހައްގުވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޕްރައިމެރީ ގުރޭޑްތަކުގެ ދަރިވަރުންނަށް ހިލޭ ނާސްތާ ޕްރޮގްރާމް ދޭން މަސްޒްލީ މާލިކް ނިންމެވީ ޖަޕާންގެ ސްކޫލްތަކުގައިވެސް ޕްރައިމެރީ ގުރޭޑްތަކުގެ ދަރިވަރުންނަށް ހިލޭ ނާސްތާ ޕްރޮގްރާމް ދޭ ކަން ފާހަގަ ކުރަމުންނެވެ. މަސްޒްލީ މާލިކް ނިންމާފައިވާ އެހެން ނިންމުމެއް ވެސް މަހާތިރު ވަނީ ބަދަލު ކުރައްވާފަ އެވެ. އެއީ ދަރިވަރުންގެ ޔުނީފޯމް އާއެކު ކަޅު ބޫޓަށް އެރުމަށް މާލިކް ނިންމަވާފައިވާ ނިންމެވުމެވެ. މަހާތީރު ވިދާޅުވީ ކޮންމެ ކުލައެއްގެ ބޫޓަށް އަރައިގެން ނަމަވެސް ސްކޫލަށް ދިއުމަށް ބަރު އަޅުއްވާ ކަމަށެވެ.