ޖިންސީ ގޯނާ

ކުއްޖާގެ މައިންބަފައިންނާ ކާފަމެންގެ ކުށުގެ ރެކޯޑްސް އޮވޭ: ފުލުހުން

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާއާއި ގުޅުންހުރި ބައެއް މައުލޫމާތުތައް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި، އަނިޔާ ލިބުނު ކުޑަކުއްޖާއައި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ. އެ މައްސަލާގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ، އުމުރުން 62 އަަހަރުގެ މީހާ، ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ހުށައަޅާފައިވާ މައްސަލާގައި އެ ކުއްޖާގެ މުނިކާފަ، އުމުރުން 82 އަަހަރުގެ މީހާއަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑްސް އޮންނަ މީހަކަށްވާތީއާއި، ކުއްޖާގެ މައިންބަފައިނަކީވެސް ކުށުގެ ރެކޯޑްސް އޮންނަ ބަޔަކަށްވާތީ، އަދި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ، އެ ހާލަތުގައި އެ ކުއްޖާ ދިރިއުޅެމުންދިޔަ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާ މަންމައާއި ހަވާލުކުރުމަށް މަސައްކަތް ކުރުުމުން އެ ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ދީފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ހުށައެޅުމާއެކު އެދުވަހުގެ 19:30 އެހާކަންހާއިރު ކުއްޖާ އުޅެމުންދިޔަ މާހައުލަަށް ޖެންޑާ މިނިސްޓްރީގެ ކޭސް ކޯވަރުންނާއި، ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށްފަހު މެޑިކަލް އެސެސްމަންޓް ހެދުމަށްޓަކައި އެރޭ ސަރަހައްދީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަަށްޓަަކައި ކުއްޖާގެ އާއިލާގެ ފަރާތު ބޮޑުދައިތައަކާއި ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށެވެ.

"އަދި ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެ ކުއްޖާގެ މާމަ ކަމަށްވުމާއި، މާމައާ ކުއްޖާ ހަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަން ކުުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވޭ."

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުންގެ ތަހުގީގު ޓީމެއް ހުކުރު ދުވަހު ހެނދުނު އެ ރަށައްގޮސް، އެކި ފަރާތްތަކާއި ސުވާލުކޮށް ހެއްކާ ގަރީނާ އެއްކުރުމަށްފަހު ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކުރުމަށް ކޯޓް އަމުރަށް އެދުނު ކަމަށެވެ. އަދި މެންދުރުގެ ވަގުތެއްގައި ކޯޓް އަމުރު ލިބުމުން އެ ކުއްޖާގެ ކާފައާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރަށް ސާފު ކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަަލަ ޖެންޑާ މިނިސްޓްރީއާއި ފުލުހުން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.