ސާރާ އަލީ ޚާން

އަހަރެއްތެރޭ ސާރާއަށް 12 ބްރޭންޑް އިޝްތިހާރު

އަލަށް ފިލްމު ކުޅެން ފެށި ބަތަލާއިންގެ ތެރެއިން މިހާރު އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް ތަރިއަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާނެވެ. ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު" ރިލީޒްވުމާއެކު އޭނާގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ޖެހިފަ އެވެ.

ސާރާގެ އިންޓަވިއު ތަކާއި އުޅޭ ގޮތް މަޖާ ކަމުން ސޯޝަލް މިޑިއާގައި އޭނާގެ ފޭނުން މިހާރު އެތައް މިލިއަނަށް އަރާފައި ވެއެވެ. ގިނަ މީހުންނަށް ސާރާ އެންމެ ކަމުދަނީ އޭނާގެ ކިބައިގައި ފޮނިކަމާއި ބޮޑާކަން އެއްގޮތަކަށް ވެސް ނުހުންނާތީ އެވެ.

ގިނަ ބަޔަކަށް ސާރާ މަގްބޫލުވީއިރު ވަރަށް ގިނަ އިންޓަނޭޝަނަލް ބްރޭންޑްސްތަކުގެ ނަޒަރު ވެސް ސާރާއަށް އަމާޒުވެފައި ވެ އެވެ. އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސާރާއަށް 12 ބްރޭންޑެއްގެ އިޝްތިހާރު ކުޅުމުގެ ފުރުސަތު ލިބުމަކީ ހގައިމުވެސް އޭނާއަށް ހޯދުނު ބޮޑު ކާމިޔާބީ އެކެވެ. މިއީ ސާރާގެ އުމުރުގެ އެކްޓަރަކަށް ވާ ވަރުގެ ކަމެއް ނޫނެވެ. އަދި މިހާރު ފިލްމު ކުޅޭ އެ އުމުރުގެ އެއްވެސް ބަތަލާއަކަށް ހާސިލު ކުރެވިފައިވާ ކަމެއް ވެސް ނޫނެވެ.

އެކި ބްރޭންޑްތަކުގެ އިޝްތިހާރުތަކުގައި ސާރާ ބައިވެރި ކުރަން ބޭނުން ވަނީ އޭނާއަކީ ވަރަށް ޒުވާން ބަތަލާއަކަށް ވާތީ އާއްމުކޮށް ބްރޭންޑްތަކުގެ އަމާޒު ހުންނަނީ ޒުވާނުންނަށް ކަމަށް ވާތީ އެވެ. އަދި ސާރާ އަކީ ވަރަށް މޮޅަށް ވާހަކަ ދައްކާ، އިންތިހާއަށް މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ އެކްޓަރަކަށް ވުމީ ވެސް އޭނާއަށް ބްރޭންޑްސްތަކުގެ އިޝްތިހާރުތައް ލިބުމުގެ ސިއްރެކެވެ.

ސާރާގެ މިހާތަނަށް ރިލީޒްވެފައި ވަނީ "ކެދާރްނާތު" އާއި "ސިމްބާ" އެވެ. މި ދެ ފިލްމުން ވެސް އޭނާގެ މޮޅުކަމާއި އެކްޓިން ހުނަރު ފާހަގަ ކުރެވިގެން ގޮސްފައި ވެއެވެ.

ސާރާގެ އާ ފިލްމު "ލަވް އާޖް ކަލް" އަންނަ ފެބްރުއަރީ މަހު ރިލީޒް ކުރާނެކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމުގެ ބަތަލަކީ ކާރްތިކް އާރްޔަން އެވެ. މީގެ އިތުރުން ވަރުން ދަވަން އާއެކު ކުޅޭ "ކޫލީ ނަންބަރު 1" އަކީ ވެސް މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.