ދުނިޔެ

ޗައިނާގައި ނުރައްކާތެރި ރޯގާއެއް ފެތުރެނީ

އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކުރިން ފެތުރުނު ސާސް ރޯގާ އާ އެއްކަހަލަ ވައިރަސް ފަތުރާ ބައްޔެއް ޗައިނާގައި ފެތުރެން ފަށައިފި އެވެ.

ޗައިނާގެ ވުހާން އިން ފެނުނު މި ވައިރަސް ރޯގާ ޖެހިގެން ދެ މީހުން މަރުވެފައިވާ ކަމަށް ވުހާންގެ ހެލްތު ކޮމިޝަނުން ރިޕޯޓް ކޮށްފައި ވެއެވެ. ކްރޯނާ ވައިރަސްގެ ކެޓަގަރީގައި ހިމެނޭ ރޯގާ ފެތުރެން ފެށީ ޖަނަވާރުގެ ޒައްރިއްޔާއިން ނުވަތަ އެހެން ކޮންމެވެސް ސެލްތަކަކުން ކަމަށް ބެލެވެ އެވެ.

އަލަށް ފެތުރެން ފެށި ވައިރަސްގެ ރޯގާއަކީ ސާސް ރޯގާ އާ އެއްވަރަށް ނުރައްކާތެރި ބައްޔެއް ކަމެއް ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެ އެވެ. އަދި މިހާތަނަށް ހެދުނު ޓެސްޓްތަކުން އެއީ އިންސާނުންގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފަސޭހަ ކަމާއެކު އަރާ ބައްޔެއް ކަމެއްވެސް ހޯދިފައެއް ނުވެ އެވެ.

"އަދި މިއުޅެނީ އިތުރަށް ބަލި ދެނެގަތުމުގެ މަރުހަލާގައި، މިހާލަތުގައި ބޭނުންވާނެ ބަލި ނުޖެހޭނެ ހުރިހާ ގޮތަކުން ރައްކާތެރި ވެ ތިބެން، އަދި ކުއްލިއަކަށް ވެދާނެ ގޮތަކާމެދުވެސް ރައްކާތެރިވެ ތިބެން ޖެހޭނެ." ރެސްޕެރޭޓްރީ ބަލިތަކުގެ ހާއްސަ އެކްސްޕާޓެއް ކަމަށް އެމެރިކާގެ ޑރ. ނެންސީ މެސޯނިއާ ވިދާޅުވި އެވެ.

ވުހާންގެ ހެލްޓް ކޮމިޝަނުން ނެރުނު ރިޕޯޓްގައި ވާގޮތުން އަލަން ފެތުރެމުންދާ ރޯގާ އަސަރު ހާހެއްހާ މީހުންނަށް ކޮށްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ އެ ދެ ގައުމުގެ ބައެއް އެއާޕޯޓްތަކުގައި ކްރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށާފަ އެވެ. އަވަށްޓެރި ޝްރީލަންކާއިން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް އަންގާފަ އެވެ.