ދިވެހި ސިނަމާ

ޑާކްރެއިންގެ "ބަޅިނދު" ގެ ޝޫޓިން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ބިރުވެރި ފިލްމް "ބަޅިނދު" ގެ ޝޫޓިން ފަށައިފި އެވެ.

ނަހުލާގެ "4426" ވެސް ޑައިރެކްޓްކުރި އަހުމަދު ޝިނާން ޑައިރެކްޓް ކުރާ "ބަޅިނދު" ގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. މި ފިލްމުގައި ޖުމަލް، ޖުމާގެ އިތުރުން މީގެ ކުރިން ޑާކްރެއިން އަދި އެހެން ސްޓޫޑިއޯތަކުގެ ފިލްމުތަކުން ފެނިފައިވާ ގިނަ އަދަދެއްގެ ޒުވާން ތަރިން ފެންނާނެއެވެ.

އަވަސްއާއި ވާހަކަ ދައްކަމުން ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ "ބަޅިނދު" ގެ ޝޫޓިން ފެށިފައިވާ ކަމަށާ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ.

ޑާކްރެއިންގެ ފަރާތުން ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންދާއިރު، "ބަޅިނދު" ސްކްރީން ކުރާނެ ތާރީހެއް އަދި ނުނިންމައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫއިން މިހާރުވެސް ގެންދަނީ އިތުރު ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އޮލިންޕަހަށް އަންނާނެ ކަމަށް ބެލެވެނީ "ނޮވެންބަރު" މި ފިލްމެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލާފައެވެ. "ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މިއީ ޑާކްރެއިންގެ ކަޕުލް ޖުމައްޔިލް އަދި މަޖޫގެ ފަހު ފިލްމެވެ. "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެެސް މި ފިލްމުން ފެނިގެންދެއެވެ.

"ނޮވެންބަރު"ގެ ޕްރޮޑިއުސަރުންނަކީވެސް މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ޑައިރެކްޓް ކުރާނީ އައިޝަތު ފުއާދުގެ އިތުރުން އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ.

މީގެ އިތުރުން "ކައިވެނީގެ އަމާޒް" ގެ ނަމުގައިވެސް ފިލްމެއް ވަނީ އިއުލާނުކޮށްފައެވެ.